ޔޫރަޕް ގައުމުތަކުން އަންބާކިޔާފައި ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ކަމަކަށް އެމީހުންނަށް ކުރެވުނު ކަމަކީ ރަޝިއާގެ ތެލާއި ގުދުރަތީ ގޭސް ގަތުން ހުއްޓާލުމެވެ.
ރަޝިއާގެ އިގުތިސޯދު ފަނާކުރުމުގެ ނިޔަތުގައި ޔޫރަޕް ގައުމުތަކުން އެޅި ފިޔަވަޅުތަކުން އެމީހުންނަށް ޖެހުނު ތަކުލީފު ރަޝިއާއަށް ވުރެ މާބޮޑެވެ.
ޖަރުމަނާއި ރަޝިއާއާ ދެމެދު އަޅާފައި ހުރި ނޯޑް ސްޓްރީމް ހޮޅިތަކުން ގޭސް ސަޕްލައިކުރާ މިންވަރު ޖޫން 16 ގައި ރަޝިއާއިން ކޮންޓްރޯލް ކުރުމުން ޖަރުމަނަށް މިހާރު ކަރަންޓް އުފަދަން ޖެހިފައި ވަނީ ބޯޓުދެލި އަންދައިގެންނެވެ.
ނޯޑް ސްޓްރީމް ހޮޅިތަކުން ޖަރުމަނަށް މިހާރު ލިބޭ މަދު މިންވަރެއްގެ ގުދުރަތީ ގޭސް ފަހަށް ރައްކާކުރުމުގެ ވިސްނުމުގައި ކަރަންޓް އުފައްދާ އިންޖީނުތައް ޖަރުމަނުން މިހާރު ހިންގަނީ ބޯޓުދެލިންނެވެ.
ބޯޓުދެލި ބޭނުންކުރުން މުޅިން ހުއްޓާލައި ސާފު ހަކަތަ އުފެއްދުމަށް ސާފު ވަސީލަތްތައް ބޭނުންކުރަން ވިސްނައި ވަކާލާތުކުރި ޔޫރަޕްގެ ކިބުރުވެރިންނަށް ޖެހިފައި އޮތް ހާލަތަކީ މިއީ އެވެ.
ޖަރުމަނުގެ އިކޮނޮމީ އެންޑް ކްލައިމެޓް މިނިސްޓަރު ރޮބާޓް ހަބެކް ވިދާޅުވި ގޮތުގައި ޖަރުމަނުން މިވަގުތު އިސްކަން ދޭނީ ތާންގީތައް ފުރާލުމަށެެވެ. އެއީ ފަހަށް ރައްކާކުރަން ޖަރުމަނުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ޖަރުމަނުން ތުހުމަތުކުރާ ގޮތުގައި ރަޝިއާ މިހާރު ކުރާ ކަމަކީ ޖެއްސުން ކުރުމެވެ. އެހެން ނަމަވެސް ރަޝިއާގެ ގޭސް ކުންފުނި، ގޭސްޕްރޮމް އިން ބުނާ ގޮތުގައި ނޯޑް ސްޓްރީމް ހޮޅިތަކުން ޖަރުމަނަށް ފޮނުވާ ގޭސް މަދުވާން ޖެހުނު ސަބަބަކީ މާކުރިން ސުރެ ކުރަންޖެހިފައި ހުރި މަރާމާތުތަކެއް މިވަގުތާ ދިމާވުން ކަމަށެވެ.
ޔޫރަޕް ގައުމުތަކުން ރަޝިއާ ދެކެ ރުޅިއަރައި ގަނެގެން އުޅެނީ ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުންނެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ބުނާ ގޮތުން ޔުކްރޭނަކީ ކޮންމެ އަގެއްގައި ނަމަވެސް ހިމާޔަތްކުރަން ޖެހޭ ގައުމެކެވެ. އެ މީހުން އަނގަބަހުން ނުބުންޏަސް، އެނޫން ގޮތެއްގައި ރަޝިއާއަށް ގޯނާކުރަން އެ މީހުންގެ ޕްރޮކްސީއަކަށް ޔުކްރޭން ނުހެދޭނެ އެވެ.
ރަޝިއާއިން ބުނީ ޔޫރަޕުން ރަޝިއާގެ ތެލާއި ގޭސް ނުގަތަސް ހެޔޮ ކަމަށެވެ. ދުނިޔޭގައި ތެލަށް ޖެހިފައި ތިބި ގައުމުތަކުން މާރަނގަޅު ފައިދާއެއް ލިބޭ ކަމަށްވެސް ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވި އެވެ.