އަތޮޅުތެރޭގެ ފަސް ސަރަހައްދުގައި ގާއިމުކުރެވޭ ޓާޝަރީ ހޮސްޕިޓަލްތަކާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ރައީސް ސޯލިހުގެ ޒައާމަތުގައި ގެނެސްދެއްވާނެ ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ގަމު ކައުންސިލް މެންބަރުންނާއެކު ރައީސް ސޯލިހްް މިއަދު ބޭއްވެވި ބައްދަލްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.
މިއަދުގެ ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ ގަމުގައި ހަދަން ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލާއި ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
ވިސާމް ވިދާޅުވީ ސަރަހައްދީ ތަރައްގީ ގެނެސްދޭނީ އެމްޑީޕީން ކަމަށާ ކެންސަރު ހޮސްޕިޓަލް ގަމުގައި ގާއިމުކޮށް އަތޮޅުތެރެއަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ ފަސް ސަރަހައްދުގައި ގާއިމުކުރެވޭ ޓާޝަރީ ހޮސްޕިޓަލްތަކާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ރައީސް ސޯލިހުގެ ޒައާމަތުގައި ގެނެސްދެއްވާނެ ކަމަށެވެ.
"ރައީސް އިބޫ [ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް] އަކީ އަތޮޅުތެރޭގެ ތަރައްގީގެ ބާނީ،"
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ގަމު ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއާޕޯޓް އިންޓަރނޭޝަނަލް ކުރުން ފަދަ މަަސައްކަތްތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްގީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއް ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަސައްކަތްތަކެއް ބަޖެޓްކޮށްފައިވާ އިރު މި މަސައްކަތްތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަތެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުއް ރަށުގައި ހިންގަން ކަމަށާއި މަގުހެދުމުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމާއި ރަށުގެ ސިއްހީ ހިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީ ކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކަންސިލަރުންނާ ހިއްސާކުރައްވައި އަންނަ އަހަރު ކެންސަރު ހޮސްޕިޓަލާއި ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްގީގެ މަސައްކަތްތައް ހިންގޭނެ ކަމަށް ވިދާޅުވިއެވެ.