ލައިފްސްޓައިލް

ކޮމްޕިއުޓަ ސައިންސް ގްރެޖުއޭޓެއް މަގުމަތިވެފައި!

ފޮތެއްގެ ބޭރުގަނޑުން އެއީ ކިޔާހިތްވާ ކަހަލަ ވާހަކަތަކެއް ހުރި ފޮތެއްތޯ ނުވަތަ ނޫންތޯ ނިންމާކަށް ނޭނގޭނެ އެވެ. ފާއިތުވީ ތިން އަހަރުއްސުރެ އިންޑިޔާގެ ވަރަނާސީގެ މަގެއް މަތީގައި އިންނަ މި އަންހެންމީހާއަށް ބަލާލުމުން އޭނާއަކީ ވެސް ކިހާ ވަރެއްގެ ތައުލީމީ މީހެއް ކަމެއް ބުނާކަށް ނޭނގެ އެވެ.

ބަނާރަސް ހިންދޫ ޔުނިވަސިޓީ (ބީއެޗްޔޫ) ދަރިވަރެއް ކަމަށްވާ އަވްނީޝް މި އަންހެންމީހާ އާ އިންޓަވިއުކޮށް އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ.

އިނގިރޭސިން ވަރަށް ފުރިހަމައަށް ވާހަކަ ދައްކާ މި އަންހެންމީހާ ބުނި ގޮތުގައި އޭނާގެ ނަމަކީ ސްވާތީ އެވެ. ކޮމްޕިއުޓަ ސައިންސްގެ ރޮނގުން ކިޔަވައި ޑިގްރީ ހާސިލު ކޮށްފައިވާ ސްވާތީ މަގުމަތީގައި ދިރިއުޅޭ ތިން އަހަރު ވެއްޖެ ކަމަށް އޭނާ ބުންޏެވެ. އޭނާއަށް ކައިބޮއި ހަދަނީ އެ ހިސާބުގަނޑުގެ މީހުން ދޭ އެއްޗިއްސެވެ. ނިދިއައިމަ މަގުމަތީގައި އޮށޯވެ ނިދަނީ އެވެ.

ސްވާތީ ކަހަލަ ތައުލީމީ މީހަކު މި ހާލަތަށް ދިޔައީ ކީއްވެ ހެއްޔެވެ؟ ސްވާތީ ބުނި ގޮތުގައި ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ލިބުނު ގެއްލުމެއްގެ ސަބަބުން އޭނާގެ ކަނާތްފަޅި ވާގި ނެތުނީ އެވެ. އަދި ގައިގެ އެއް ފަޅީގައި މިހާރު އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ ގެއިން ނުކުމެގެން އައިސް މަގުމަތީގައި ދިރިއުޅެނީ އެވެ.

މަގުމަތީގައި އަބަދު އިންނަތަން ފެންނާތީ ގިނަ މީހުން ހީކުރަނީ ސްވާތީ އަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ. ނަމަވެސް ސްވާތީ ބުނީ އޭނާގެ ސިކުނޑި މުޅިން ރަނގަޅު ކަމަށާއި ސަލާން ޖަހައިގެން ލިބޭ ލާރި އޭނާ ބޭނުން ނުކުރާ ކަމަށެވެ.

"ޗެރިޓީ ބޭނުމެއް ނޫން. ބޭނުމީ އަހަންނަށް އަދާ ކުރެވޭ ކަހަލަ ވަޒީފާއެއް. ކޮމްޕިއުޓަރުން ކުރާ ކޮންމެ މަސައްކަތެއް ވެސް އަހަންނަށް ކުރެވި ދާނެ،" ސްވާތީ ބުންޏެވެ.