ރައީސް މުހައްމަދު ނަޝީދު

ތޭވީސް ދުވަހަށް ފަހު ނަޝީދު މިއަދު މާލެ ވަަޑައިގަންނަވަނީ

ތިމާވެއްޓާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް 26" ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްކޮޓްލެންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު މާލެ ވަޑައިގަތުމަށް ނިންމަވައިފި އެވެ. ނަޝީދު ސްކޮޓްލެންޑަށް ވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް އެނގިފައިވެއެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން އެކަން ކަށަވަރެއް ނުކޮށް ދިނެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާތީ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި އެމަނިކުފާނު މާލެ ވަޑައިގެން ހުންނެވުމަށް ހަަމަޖެހިފައިވަނީ މުރައިދޫ ގޭގައި ކަަމަށެވެ. އެ ގެއަށް މަޖިލީހުގެ އިސް ބޭފުޅުން ވަޑައިގެން މިއަދު ބައްލަވާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މުރައިދޫގެ މަޖިލީހުގެ އިދާރާއާ ރަސްމީކޮށް ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތައް އެ އިދާރާއިން މިއަދު ވަނީ ދޮގު ކޮށްފައެވެ.

ރައީސް ނަޝީދަށް މެއި ހައެއްގައި ދެވުނު ހަމަލާއަށްފަހު ބޭސް ފަރުވާ އަށް ގިނަ ދުވަސް ތަކަކު ޖަރުމަނާއި އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށް ދައުލަތުގެ ހަރަދުގައި އެމަނިކުފާނު ހުންނެވީވެސް ހޮޓެލް ޖެންގަ އެވެ. މިދިޔަ މުއްދަތުގައި ދުވާލަކު 33،000 ރުފިޔާ ޖެންގައި ހުންނެވުމަށް ނަޝީދަށް ހަރަދު ކުރަން ޖެހުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.