މާރިޔާ އަހުމަދު ދީދީ

އަސްކަރިއްޔާ ހަރުދަނާ ކުރަން އިންޑިއާ-ލަންކާގެ އެހީ ބޮޑު

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑު އަދި ސްރީލަންކާ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓްް އެކްސަސައިޒް - ދޯސްތީ" މިއަދު ފަށައިފި އެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ޖޮއިންޓް އެކްސަސައިޒްތަކާއި ޓްރެއިނިންގްތައް ދިވެހި ސިފައިންނާއި ސެއިލަރުން ދެކެނީ ވަރަށް ފައިދާހުރި އަދި ވަރަށް ފުރިހަމަ ތަމްރީންތަކެއްގެ ގޮޮތުގައި ކަމަށެވެ. އަދި މިފަދަ އެކްސަސައިޒް ތަކުގެ ސަބަބުން އަވައްޓެރި ގައުމުތަކުގެ މެދުގައި ގުޅުން އިތުރުވެ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. ތަމްރީންގެ ތެރެއިން ލިބޭ ހުނަރާއި އިލްމުގެ އިތުރުން ގައުމުތަކުގެ ސިފައިންނާއި ސެއިލަރުންގެ މެދުގައި އުފެދޭ އެކުވެރިކަމުގެ ސިފަތަކަކީ ތަމްރީނުން ހާސިލުވާނެ އެންމެ މުހިންމު ފައިދާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ދިވެހި އަސްކަރިއްޔާގެ މެރިޓައިމް ފޯސަސްގެ ގާބިލުކަން ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި އިންޑިޔާއާއި ސްރީލަންކާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އެކްސްސައިޒް ދޯސްތީއަށް 30 އަހަރު ފުރިގެން ބާއްވާ ހަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރުން 20 އިން 24އަަށް ރާއްޖޭގައި ބާއްވާ ޓްރައިލެޓްރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 15" ގެ ތެރެއިންނެވެ.