ރައްޔިތުންގެ މަޖިލިސް

މުރައިދޫގެ ނުނިމޭ، ނަމަވެސް ނަޝީދު ހުންނަވާނީ އެ ގޭގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ މާލެ ވަޑަައިގެންފައިވާއިރު އެމަނިކުފާނު ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަކޮށްފައިވާ މުރައިދޫގޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ތިމާވެއްޓާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް 26" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ބޭރަށް ވަޑައިގެންނެވުމަށްފަހު 23 ދުވަސް ފަހުން މިރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އެމަނިކުފާނު ހުންނަވާ ތަނަކާ ގުޅޭގޮތުން އަވަސް އިން ސުވާލުކުުރުމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަަސަން ޒިޔާއު ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ މުރައިދޫގޭގައި ކަމަށެވެ. އެ ގޭގައި އެމަނިކުފާނު ހުންނެވި ނަމަވެސް އެ ގެ ރައްޔިތުންގެ މަޖިލީހާއި ރަސްމީކޮށް ހަވާލުކޮށްފައިނުވާ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

"މުރައިދޫގެ އަދި އަޅުގަނޑުމެންނާއި ރަސްމީކޮށް ހަވާލެއް ނުކުރޭ. ނަމަވެސް ރައީސް ނަޝީދު ދެން ހުންނަވާނީ މުރައިދޫގޭގައި،"

ރައީސް ނަޝީދަށް މެއި ހައެއްގައި ދެވުނު ހަމަލާއަށްފަހު ބޭސް ފަރުވާ އަށް ގިނަ ދުވަސް ތަކަކު ޖަރުމަނާއި އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށް ދައުލަތުގެ ހަރަދުގައި އެމަނިކުފާނު ހުންނެވީވެސް ހޮޓެލް ޖެންގަ އެވެ. މިދިޔަ މުއްދަތުގައި ދުވާލަކު 33،000 ރުފިޔާ ޖެންގައި ހުންނެވުމަށް ނަޝީދަށް ހަރަދު ކުރަން ޖެހުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

ނަމަވެސް އޭރު އެމަނިކުފާނު ޖެންގައި ހުންނެވީ މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅުގެ މަސައްކަތް ނުނިމޭތީ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މުރައިދޫގޭގެ މަސައްކަތް ނިންމާ މަޖިލީހާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި މުރައިދޫގޭގެ މަސައްކަތް އަދި މުޅީން ނުނިމެއެވެ. އެ ގޭގެ ބޭރުގައި އަދިވެސް ބައެއް މަސައްކަތް ކުރަން ހުރިއިރު ގޭގެ އެތެރޭގެ ބައެއް މަސައްކަތްތައްވެސް ނުނިމެއެވެ.