ދުނިޔެ

ޗައިނާއިން ލިތުއޭނިއާއާ އެކު އޮތް ގުޅުމުގެ ދަރަޖަ ދަށްކޮށްފި

ޗައިނާއިން ލިތުއޭނިއާއާއެކު ބާއްވަމުން ގެންދިއަ ޑިޕްލޮމެޓިކް ގުޅުމުގެ ދަރަޖަ ދަށްކޮށްފި އެވެ. އެއީ އެ ގައުމުގައި އެމްބަސީއެއް ހުޅުވުމުގެ ހުއްދަ ޓައިވާނަށް ދިނުމާ ގުޅިގެންނެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކަނޑާނުލައި ދެމެހެއްޓެން މިވަގުތަށް އޮތް އެންމެ ހެޔޮވަރު މިންވަރަކީ މިއީ ކަމަށެވެ. ބަޔާނުގައި އަދި ބުނެފައި ވަނީ ގައުމުގެ މިނިވަން ކަމަށާއި އިސްތިގުލާލަށް ބަޔަކު ޖެއްސުން ކުރަމުން ގެންދާއިރު ޗައިނާ ބަލަން ނޯންނާނެ ކަމަށެވެ.

ޓައިވާންއާ މެދު ޗައިނާ އަބަދުވެސް ބުނަނީ އެއީ ޗައިނާގެ ޕްރޮވިންސެއް ކަމަށާއި ވަކި ދައުލަތެއް ގޮތުގައި މިނިވުމަށް މަސައްކަތްކުރާ ނަމަ ޗައިނާގެ އަސްކަރިއްޔާއިން އެކަން ހުއްޓުވާނެ ކަމަށެވެ.

ޗައިނާއިން މި މޭރުމުން ބަސްބުނެ ބަޔާންކޮށްފައި އެވަނީ ލިތުއޭނިއާގައި އެމްބަސީ އޮފީހެއް ޓައިވާނުން ހުޅުވުމާ ގުޅިގެންނެވެ. މިއީ މިނިވަން ދައުލަތަށް ނޫނީ ކުރެވޭ ޒާތުގެ ކަމެއް ނޫނެވެ.

ލިތުއޭނިއާގެ މި އަމަލުގެ ސަބަބުން ކުރިމަތި ވެދާނެ ދަތިކަމަކަށް ހޭވެރިވުމަށް ޗައިނާ ވަނީ ގޮވާލާފަ އެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުމުގައި އިތުރު ރެނދުތަކެއް އެޅުމުގެ ކުރިން ލިތުއޭނިއާގެ ވިސްނުން ބަދަލު ކުރަން ޗައިނާއިން ވަނީ ގޮވާލާފަ އެވެ.

ޗައިނާއިން ލިތުއޭނިއާގެ ސަރުކާރަށް ކުރާ އިލްތިމާސް އަކީ ގުޅުން ބަލިކަށި ވެދާނެ ކޮންމެ ކަމެއް ދޫކޮށްލުމަށެވެ.

ޗައިނާއިން ބުނީ ގައުމީ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަން ދިފާއު ކުރުމުގެ ގާބިލްކަން ޗައިނާއަށް ލިބިފައި ހުރިކަން ލިތުއޭނިއާއަށް އެނގިފައި ނެތުމަކީ ދެރަކަމެއް ކަމަށެވެ.

ލިތުއޭނިއާގެ ފޮރިން މިނިސްޓްރީން ބުނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ދެރަ ގޮތެއް ވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ޓައިވާންއާ އެކު ޑިޕްލޮމެޓިކް ގުޅުން ދެމެހެއްޓުމަކީ ވެސް ލިތުއޭނިއާ ލިބޭ ހައްގެއް ކަމަށެވެ.

ލިތުއޭނިއާއިން ބުނާ ގޮތުން "ވަން ޗައިނާ ޕޮލިސީ" އަށް އެގައުމުން ވެސް އިހުތިރާމްކުރެ އެވެ. އަދި ބުނީ ހަމަ އެފަދައިން ޓައިވާންއާ އެކު ހަރުދަނާ ގުޅުމެއް އޮންނަން ޖެހޭ ކަމަށް ވެސް ގަބޫލުކުރާ ކަމަށެެވެ.