މުހައްމަދު ހަމީދު

ފުލުހުންނަށް ދައުވާކުރުމުން ދަތިތަކެއް ކުރިމަތިވާނެ: ސީޕީ ހަމީދު

Nov 21, 2021
1

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާވާ ގޮތަށް ބިޑި އެޅުވި މައްސަލައިގައި 13 ފުލުހަކަށް ދައުވާކޮށްފައިވާތީ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ތޭރަ ފުލުހަކަށް ދައުވާކުރަން ޕީޖީ ހުސައިން ޝަމީމް ނިންމެވީ ކ. ތުލުސްދޫގައި އޮތް ކޭމްޕަކަށް ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ގެންދަނިކޮށް ކަނޑުމަތީގައި ހިނގާދިޔަ ކަމެއްގެ ތެރެއިން އެ ކުދިންނަށް އަނިޔާވާ ގޮތަށް ބިޑި އެޅުވި މައްސަލަ ތަހުގީގުކޮށް ދައުވާކުރަން އެޗްއާރްސީއެމުން ޕީޖީ އަށް މައްސަލަ ފޮނުވުމުންނެވެ.

ފުލުހުންގެ މައްޗަށް އުފުލާފައިވަނީ ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުންނަށް ދައުވާކުރުމުން މީގެކުރިން ވެސް ފުލުހުންގެ އިދާރާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން މިމައްސަލާގައި ކަންހިނގާދިޔަ ގޮތް ހާމަކޮށް ފުލުހުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޗްއާރްސީއެމުން ތަހުގީގުކުރި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނުތަކާ އެއްގޮތަށް ކަމަަށެވެ. އެހެންކަމުން ފުލުހުންތަކެއްގެ މައްޗަަށް ދައުވާ ކުރުމަށް ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވާ ކަމަށާއި އަދި އެޗްއާރްސީއެމްގެ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށް ދިނުމަށްވެސް އެދިފައިވެ އެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަކީ އަބަދުވެސް ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ. ފުލުހުންނަށް ދައުވާކުރުމުން އިތުރު ދަތިތަކެއް ކުރިމަތިވަނީ ދައުވާ ލިބޭ ފުލުހުންނަކީ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމަށް އެ އިދާރާގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންނަށް ވާތީ ކަމަަށްވެސް ވިދާޅުވި އެވެ.

"ކަންބޮޑުވާ ސަބަބަކީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ތެރޭގައި މަސައްކަތް ކުރައްވާ ފުލުހުންނަކީ ރާއްޖޭގައި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގައި އެންމެ ގިނަ ތަޖުރިބާ ލިބިފައިވާ ފުލުހުން ކަމަށްވުމުން،" ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހަކަށް ދައުވާ ކުރުމުން ކަންބޮޑުވުން ފާޅުކޮށް ފުލުހުންގެ އިދާރާ އިން ކުރިން ބަޔާނެއް ނެރުނީ ގާނޫނާ ހިލާފަށް އުޅޭ ވަކި ފުލުހަކު ދިފާއުކުރަން ނޫން ކަމަށެވެ. ގާނޫނާ ހިލާފުވާ ފުލުހަކު ދިފާއުކުރުމަކީ ފުލުހުންގެ އިދާރާއިން ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުންގެ މައްސަލަ އަކީ ޝަރީއަތުގައި އޮތް މައްސަލައަކަށް ވާތީ އެ މައްސަލާގައި އިތުރު ވާހަކައެއް ސީޕީ ނުދައްކަވަ އެވެ. ނަމަވެސް ދައުލަތުން ދައުވާ ކުރާ މައްސަލާގައި އިޖުރާއީ ގޮތުން ފާހަގަކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

ދައުވާކޮށްފައިވާ ފުލުހުންގެ މައްސަލާގައި ޕީޖީ ޝަމީމް މީގެކުރިން ވިދާޅުވީ ދައުވާ ލިބޭ ފުލުހުންނަކީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ކަމަށެވެ.