އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ސާފު ކުރެވެން އޮތީ ނުނިދާ މުޅި އަހަރު މަސައްކަތް ކޮށްގެން ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތިމާވެށީގެ ދިފާއުގައި ވަކާލާތުކުރާ މީހުން ބުނާ ގޮތުން ނިއުދިއްލީއަށް އެހާވަރު ވެފައި އެވަނީ ބަޔަކު ބަލަހައްޓައިގެން ތިއްބަ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުން ނޭވާލާ ނިޒާމު ބަލިކަށި މީހުންނަށް ނިއުދިއްލީއަކީ މިހާރު ނުރައްކާ ބޮޑު ތަނެކެވެ. ހެޔޮހާލުގައި ހިނގާބިނގާވެ އުޅޭ މީހުންގެ މެދުގައި ވެސް ފުއްޕާމޭގެ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ.
ތިމާވެށީގެ ތަޖުރިބާކާރުން ބުނާ ގޮތުން އޮފީސްތަކާއި ސްކޫލްތައް ދެތިން ހަފުތާއަށް ބަންދު ކުރުމަކުން ދެމެހެއްޓެނިވި ހައްލެއް ނުލިބޭނެ އެވެ. އަސްލު ސަބަބު ނައްތާލައިގެން ނޫން ގޮތަށް ނިއުދިއްލީގެ ވައި ސާފު ނުވާނެ ކަމަށް އެމީހުން ބުނެ އެވެ.
ނިއުދިއްލީގެ ވައި ނުސާފުވުމުގެ އެންމެ ބޮޑު ސަބަބަކީ އެއްގަމު އުޅަނދުފަހަރެވެ. ނިއުދިއްލީއާ ކައިރި އަވަށްތަކުގައި ބޯޓުދެލިން ހިންގާ އިންޖީނުގެތަކުން އަރާ ދުމާއި ދަނޑުބިންތައް ސާފުކުރަން ދަނޑުވެރިން އަންދަމުން ގެންދާ ކުނި ފަރުބަދަތަކަކީ ވެސް މައްސަލަ ބޮޑުކުރާ ސަބަބުތަކެކެވެ.
ކޮވިޑާ ގުޅިގެން ދުނިޔެ ބަންދު ކޮށްފައި އޮތްއިރު އަދި ނިއުދިއްލީ ވެސް ބަންދު ކޮށްފައި އޮތްއިރު ނިއުދިއްލީގެ ވައި ސާފުވި މިންވަރަށް ސާފު ކުރެވެން އޮތީ އާންމުން ވަރަށް ބޮޑު އަގެއް ދައްކައިގެން ކަމަށް ބުނެވެ އެވެ. އެއީ އިންޖީނު އުޅަނދު ދޫކޮށް މަގުހިނގުމާއި ބައިސްކަލު ބޭނުން ކުރުމެވެ.
އިންޑިއާއަށް މިހާރު އޮތް ގޮތަކީ އަމިއްލަ ހާލަތު ރަނގަޅުކުރަން ނަފުސަށް މަޖުބޫރު ކުރުމެވެ. މައި ސަރުކާރުން އަދި ސަރަހައްދީ ސަރުކާރުތަކުން ވެސް އެއްރޫހެއްގައި މަސައްކަތް ފަށައި ބޯޓުދެލި މުޅިން ދޫކޮށްލުމެވެ.
ދަނޑުވެރިން ދަނޑުބިންތަކުގައި އަލުން ގޮވާންކުރަށް ބިން ސާފުކުރުން ވަކި ދުވަސްވަރެއްގައި ނޫނީ ނުކުރެވޭ ގޮތަށް ފަރުދުން ގަބޫލުވުމަކީ ވެސް މައްސަލަ އަވަހަށް ހައްލުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.