ފައިސަލް ނަސީމް

ނައިބް ރައީސް ބަންގްލަދޭޝްއަށް ފުރާވަޑައިގެންފި

Nov 21, 2021

ނައިބް ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބް ރައީސް، ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ ގައުމުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި މުހިއްމު މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ.

ނައިބް ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި، ކެބިނެޓްގައި ހިމެނޭ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން، ވެލްފެއާ އެންޑް އޯވަސީސް އެންޕްލޯއިމަންޓް މިނިސްޓަރު އިމްރާން އަހްމަދު، އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޑިޕޫ މޯނީ ހިމެނެ އެވެ.

މީގެއިތުރުމް ޔުނިވާސިޓީ އޮފް އޭޝިއާ ފެސިފިކް އެކްޓިންގެ ވައިސް ލާންސެލާ ޑރ. އެމްޑީ ސުލްތާން މުހައްމަދާއި، ސައުތު އީސްޓް އޭޝިއަން ފައުންޑޭޝަންގެ ޗެެއާމަން ސަލާހުއްދީން ގާސިމާއި، ކުމުޑިނީ ވެލްފެއާ ޓްރަސްޓްގެ މެނޭޖިން ޑިރެކްޓަރު ރަޖީވް ޕްރަސާދުގެ އިތުރުން ބަންގްލަދޭޝްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ނައިބް ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން އެ ގައުމުގެ މިއުޒިއަމަކާއި ބަންގްލަދޭޝް-ކޮރެޔާ ޓެކްނިކަލް ޓްރެއިން ސެންޓަރަށްވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ނައިބް ރައީސް، ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ނައިބް ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.