ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިރޭ ނިންމަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް މި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުއެވެ. އެމަނކުފާނު ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާއެކު އެ ގައުމުގެ ފޮރިން މިނިސްޓަރު ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްހަބާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިއުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީކޭޓީޓީސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. އޭކޭ އަބްދުލް މޮމެން އާއި މިނިސްޓަރު އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވާސީސް އެމްޕްލޯއިމަންޓް އިމްރާން އަހްމަދާއި މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޑީ ޒާހިދު އަހްސަން ރަސަލް އާއި މިނިސްޓަރު އޮފް އެޑިއުކޭޝަން ޑޮކްޓަރު ދީޕޫ މޮނީ އާއި މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާ ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުންތަކަށްފަހު އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަރޝިޕްގެ ފުރުސަތުތައް ގަބޫލުފުޅު ކުރައްވާފައެވެ.
ހަމަ އެއާއެކު މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑާކާގެ ހޮޓެލް އިންޓާކޮންޓިނެންޓަލްއަށް ވަޑައިގެން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިހަށް މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.