ލައިފްސްޓައިލް

ކެލިފޯނިއާގެ މަގަކަށް ފައިސާގެ ވާރޭ ވެހިއްޖެ!

ސައުތު ކެލިފޯނިއާގެ ބޮޑު މަގަކުން ދުއްވާފައި ދިޔަ އާމާޑް ވެހިކަލެއްގައި ހުރި ރުފިޔާ ކޮތަޅުތަކެއް މަގުމައްޗަށް ވެއްޓި ފަޅައިގެން ދިއުމުން ވަޔާއެކު ފައިސާތައް މައްޗަށް އަރައިގެން ގޮސް، މުޅި އެ ހިސާބަށް "ފައިސާގެ ވާރޭ" ވެހިއްޖެ އެވެ.

އިއްޔެ ހެނދުނު 9.15 ހާއިރު މި ހާދިސާ ހިނގީ ސެން ޑިއޭގޯ އިން ފެޑެރަލް ޑިޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަނަށް ޓްރެކެއްގައި ފައިސާތައް ގެންދަނިކޮށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

"ޓްރަކްގެ ދޮރެއް ކުއްލިއަކަށް ހުޅުވުމުން އެތެރޭގައި ހުރި ރުފިޔާ ކޮތަޅުތައް ބިންމައްޗަށް ވެއްޓި ފަޅައިގެން ދިޔައީ،" ކެލިފޯނިއާ ހައިވޭ ޕެޓްރޯލް ސާޖަންޓް ކާޓިސް މާޓިން ވިދާޅުވި އެވެ.

ކޮތަޅުތައް ފަޅައިގެން ދިއުމުން ވަޔަށް އަރައިގެން ދިޔަ ނޫޓުގައި ގިނައިން ހުރީ އެއް ޑޮލަރުގެ ނޫޓާއި 20 ޑޮލަރުގެ ނޫޓެވެ. މުޅި އެ ހިސާބުގަނޑަށް ފައިސާތައް ބުރައިގެން ދިއުމުން އެ ވަގުތު އެހިސާބުގެ ޓްރެފިކް ވެސް ހުއްޓުމަކަށް އައެވެ. އަދި މީހުންތައް ހެމުން ފައިސާތައް ހޮވަމުން ގެންދާ މަންޒަރުތައް ފެންނަ ވީޑިއޯއެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް އޭރުވެސް އެއްވެސް މީހަކު ފައިސާތައް ހޮވައިގެން ނުގެންދަން ފުލުހުން އިލްތިމާސް ކުރަމުން ދިޔަ އެވެ. އެފަދަ މީހުންނަށް ޖިނާއީ ދައުވާ ކުރާނެ ކަން ވެސް ވަނީ އަންގާފަ އެވެ. އަދި ފައިސާ ހޮވައިގެން ފިލަން އުޅުނު ދެ މީހަކު އެ ތަނުން ވަގުތުން ވެސް ހައްޔަރުކުރި އެވެ. އަދި ފައިސާ ގެންދިޔަ މީހުން އެ ފައިސާ އަނބުރާ ގެންނަން ވެސް ފުލުހުން ވަނީ އަންގާފަ އެވެ.

މި ހާދިސާއާ ގުޅިގެން ފައިސާ ގެއްލުނު އަދަދެއް ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ. އެ ފަރާތުން ބުނެފައި ވަނީ ފައިސާ ހޮވި މީހުންގެ ތެރެއިން އެތައް ބަޔަކު އަނބުރާ ފައިސާތައް ރައްދު ކުރަމުންދާ ކަމަށެވެ.