ބޮލީވުޑް

މީހުންގެ ގޮތް އެނގުނީ ސްޓްރޯކް ޖެހުނީމަ: ރާހޫލް ރޯއީ

"އާޝިގީ" އިން ބޮލީވުޑަށް ތައާރަފްވީ ރާހޫލް ރޯއީ އަކީ 1990 އިގެ އަހަރު ތަކުގައި ވަރަށް ގިނަ އަންހެންކުދިންގެ ހިތް އަތުލި އެކްޓަރެކެވެ. ނަމަވެސް އެ ފިލްމަށް ފަހު މަޑުމަޑުން ރާހޫލްގެ ނަން ވަނީ ވަރަށް ފަނޑުވެފަ އެވެ.

ފިލްމެއްގެ ޝޫޓިންގްގައި އުޅެނިކޮށް މިދިޔަ އަހަރު ރާހޫލް އަށް ސްޓްރޯކެއް ޖެހި ވަރަށް ހާލު ބޮޑުވި އެވެ. މިހާރު ކޮންމެވެސް ވަރަކަށް އޭނާއަށް މި ބަލިން ވަނީ އަރައިގަނެވިފަ އެވެ. ސްޓްރޯކް ޖެހުނު ފަހުން ދިން ފުރަތަމަ އިންޓަވިއުގައި ރާހޫލް ވަނީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލާފަ އެވެ.

ރާހޫލް ބުނި ގޮތުގައި އޭނާއަށް ހެޔޮ އެދެނީ ކޮންމެ ބައެއްކަން ރަނގަޅަށް ދެނެގަނެވުނީ ސްޓްރޯކް ޖެހުނު ފަހުންނެވެ. އޭނާ ބަލިކަން އެނގުމުން އިންޑަސްޓްރީގެ ބައެއް މީހުން އޭނާއަށް ގުޅައި ހާލު އޮޅުން ފިލުވިއިރު އަނެއް ބަޔަކު ދެނަހުރި ކަމަށް ވެސް ހަދާނުލި ކަމަށް ރާހޫލް ބުންޏެވެ.

އޭނާގެ "އާޝިގީ" ކޯސްޓާ އަނޫ އަގަރްވާލް ވެސް ނުގުޅާ ކަމަށާއި އަނޫ ގުޅަން އުޅެން ނުގުޅުނީކަމެއް ނުވަތަ ގުޅަން މަސައްކަތް ނުކުރީކަމަށް ނޭނގޭ ކަމަށް ރާހޫލް ބުންޏެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ރާހޫލް އަށް ސްޓްރޯކެއް ޖެހުނީ ކާރްގިލްގައި ފިލްމެއްގެ ޝޫޓިންގްގައި އުޅެނިކޮށެވެ. ރާހޫލް ބުނި ގޮތުގައި އޭނާ ބަލިން އަރައިގަތުމަށް އެންމެ ބޮޑު އެހީތެރި ކަމެއް ވެދިނީ އޭނާގެ ދައްތަ އެވެ.

"ބައެއް މީހުން އަހަންނާ ގުޅައި ހާލު އޮޅުން ފިލުވައި ހެދި. ނުގުޅާ މީހުން ދެން އަހަންނާ އިތުރަށް ގުޅާނެކަމެއް ނެތް. އަހަރެން އެމީހުންނަކާ ވާހަކަ ދައްކާކަށް ބޭނުމެއް ވެސް ނޫން،" ރާހޫލް ބުންޏެވެ.

ރާހޫލް ބުނި ގޮތުގައި ބަލިވެ ގޭގައި އޮންނައިރު ޓީވީން އާދަވެ ބަލަނީ "ބިގް ބޮސް" އެވެ. އޭނާ ބޭނުންވަނީ ޖޭ ބާނޫޝާލީ މިފަހަރުގެ ޝޯ ކާމިޔާބު ކުރަން ކަމަށާއި ނަމަވެސް ހީވަނީ ޝޯގެ އެއްވަނަ ލިބޭނީ ކަރަން ކުންދްރާއަށް ކަމަށް ރާހޫލް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި "އާޝިގީ" ގެ ސީކުއަލް "އާޝިގީ 2" އޭނާއަކަށް ކަމަކު ނުދެ އެވެ. ނަމަވެސް ފިލްމުގެ ދެ ތަރިން ކަމަށްވާ އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރު އެ ފިލްމުގައި ދައްކާފައިވާ ޕާފޯމަންސާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ރާހޫލް ބުންޏެވެ.

ރާހޫލް ބުނީ "އާޝިގީ" ގެ ޑައިރެކްޓަރު މަހޭޝް ބަޓް އޭނާއަށް "އާޝިގީ 2" ކުޅުމުގެ ފުރުސަތު ގަސްތުގައި ނުދިނުމުން ވަރަށް ހިތްހަމަނުޖެހުނު ކަމަށެވެ.