ބޮލީވުޑް

ޒީނަތު އަމަން: ކައިވެންޏާއި ލޯބިން ލިބުނީ ހިތާމަ

ޒީނަތު އަމަން އަކީ 1970 އާއި 1980 އިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖެހި އެއް ތަރި އެވެ. އޭނާގެ ފިލްމީ ދުނިޔެ ކިތަންމެ ބަބުޅާ ވިދިކަމުގައި ވިޔަސް ހަގީގީ ހަޔާތުގައި އެފަދަ ވިދުމެއް ނެތެވެ. ޒީނަތަށް ޒާތީ ދިރިއުޅުމުގައި ކުރިމަތިވީ ވަރަށް ބޮޑެތި ހިތާމަތަކާއި ހިތްދަތި ކަމެވެ.

ހިންދީ ސިނަމާގައި އެ ދުވަސްވަރު މަސައްކަތްކުރި ގިނަ އެކްޓަރުން ވެސް ޒީނަތަށް އެމީހުންގެ ހިތް ދީފައި ވެއެވެ. ޒީނަތަށް ހަގީގީ ހަޔާތުގައި ލޯބި ވެވުނީ މުޅިން ވެސް އޭނާ އާ އެކަށީގެންނުވާ މީހުންނާ އެވެ. އޭނާ ލޯބިވީ ކޮންމެ މީހެއްގެ ފަރާތުން އަނިޔާއާއި ހިތްދަތިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ޒީނަތަކަށް ނުލިބުނެވެ.

ޒީނަތު އެންމެ ސީރިއަސްކޮށް ލޯބިވީ ސަންޖޭ ޚާން އާއެވެ. ފިލްމު "އަބްދުﷲ" ކުޅުނު ދުވަސްވަރު އެވެ. "މައިނެ ޕޫޗަ ޗާންދް ސޭ" އަކީ ދެ މީހުންގެ ލޯބީގެ މާތައް އެންމެ ގަދަޔަށް ފޮޅުނު ދުވަސްވަރު ކުޅެފައިވާ ވަރަށް މަޝްހޫރު ލަވަ އެކެވެ. ނަމަވެސް އޭރުވެސް ސަންޖޭ އުޅެނީ ޒަރީން ޚާން އާ ކައިވެނި ކޮށްގެނެވެ. އެ މީހުންގެ ތިން ދަރިން ވެސް އޭރު ވެސް ތިއްބެވެ.

ސަންޖޭގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ޒީނަތަށް ލިބުނެވެ. އެންމެ ފަހުން މަޖްބޫރުން އޭނާ ސަންޖޭ އާ ވަކިވެ މަޒްހަރު ޚާން އާ ރައްޓެހިވީ އެވެ. ކަން ދިމާކުރި ގޮތުން މަޒްހަރު ވެސް ވީ އަނބިމީހާއަށް އަނިޔާކުރާ މީހަކަށެވެ.

އޭރުގެ ބައެއް ފިލްމުތަކުގައި ނުބައިބަޔާއި ސަޕޯޓިން އެކްޓަރެއްގެ ރޯލު ކުޅުނު މަޒްހަރާ ކައިވެނިކޮށް ޒީނަތު ހޭދަކުރި 12 ވަރަކަށް އަހަރަކީ ހިތާމައާއި ހިތްދަތިކަމުގައި އަދި ގެވެށި އަނިޔާގައި ހޭދަކުރި ދުވަސް ތަކެކެވެ.

ކިޑްނީ ބައްޔެއްގައި 1998 ގައި މަޒްހަރަށް މި ދުނިޔެއާ ވަކިވަންދެން ޒީނަތަށް ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވިފައެއް ނުވެ އެވެ.
މީގެ އަހަރުތަކެއް ކުރިން ސިމީ ގަރެވާލް ޝޯގައި ބައިވެރިވެ ޒީނަތު ވަނީ އޭނާގެ ކައިވެނިގެ ހަޔާތުގައި ދިމާވި ކަންތައްތައް ހިއްސާ ކޮށްފަ އެވެ.

ޒީނަތު ބުނި ގޮތުގައި އެންމެ ފުރަތަމަ ދުވަހަކުން ފެށިގެން ވެސް އޭނާގެ މަންމަ އެ ކައިވެންޏާ ވަރަށް ދެކޮޅެވެ.

"އަހަރެންގެ އުމުރުން ދުވަސްވެ ބައޮލޮޖިކަލް ގޮތުން ދަރިން ނުލިބޭ އުމުރަށް އަޅަން ކައިރިވަމުން ދިޔަ. އަހަރެން އަބަދުވެސް މަންމައަކަށް ވާން ބޭނުންވި. އަދި ކައިވެނިކޮށް އާއިލާއެއް ބިނާކުރަން ބޭނުންވީ ވަގުތު އަހަންނާ އެންމެ ގާތުގައި ހުރީ މަޒްހަރު،" ޒީނަތު ބުންޏެވެ.

ޒީނަތާއި މަޒްހަރުގެ 10 އަހަރެއްހާ ދުވަހަށް ދެމިގެން ދިޔަ ކައިވެނިން އެމީހުންނަށް ދެ ފިރިހެންދަރިން ލިބުނެވެ. ނަމަވެސް ދަރިން ގޮވައިގެން ޒީނަތަށް އުޅެން ޖެހުނީ ހިތާމައިން ފޯވެފައިވާ ދިރިއުޅުމެކެވެ.

"އާޓިސްޓެއްގެ ގޮތުގައި އަހަރެން ކުރިޔަށް ދާކަށް މަޒްހަރު އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ. އޭނާ ބޭނުންވީ ދަރިން ބަލަން އަހަރެން ގޭގައި އިންނަން. ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް މި ކައިވެންޏަކީ އަހަންނަށް ހެނދުނު ވަރަށް ބޮޑު ގޯހެއްކަން އަހަންނަށް އިހްސާސްވި. އެހެންނަމަވެސް ރަނގަޅުވެދާނެކަމުގެ އުންމީދުގައި އަދި އިތުރަށް ކައިވެނީގައި ދެމިހުންނަން އަހަރެން މަސައްކަތް ކުރިން. އަދި އޭގެ ފަހުން ފާއިތުވީ 12 ވަރަކަށް އަހަރު ވެސް ފާއިތުވީ ކައިވެނި ކާމިޔާބުކުރުމަށް މަސައްކަތް ކުރުމުގައި،" ޒީނަތު ބުންޏެވެ.

ޒީނަތު ބުނި ގޮތުގައި އެ ކައިވެނީގައި ހޭދަވި ކޮންމެ ދުވަހަކީ ހިތާމައާއި ހިތްދަތިކަން އަދި ގެވެށިއަނިޔާގައި ހޭދަ ކުރި ދުވަސް ތަކެކެވެ. އޭގެން އެންމެ ދުވަހަކުވެސް އޭނާއަށް އުންމީދުގެ އަލިކަމެއް އުފާވެރިކަމެއް ނުފެނުނެވެ. އެވަރުން ވެސް ކައިވެނި ބާއްޖަވެރިވޭތޯ އޭނާ ގަދައަޅާ މަސައްކަތް ކުރަމުން ދިޔައީ އެވެ.

މަޒްހަރުގެ ޕެންކްރިއަސް އަށް ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނީ 1993 ގައެވެ. އޭރުއްސުރެ ދެން ޒީނަތު މަސައްކަތްކުރީ މަޒްހަރަށް އެކަށީގެންވާ ފަރުވާއެއް ކޮށްދޭށެވެ.

"1993 އާއި 1997 އާ ދެމެދު އަހަރެން އުޅެން ޖެހުނީ ވަރުގަދަ ހަނގުރާމައެއްގަ. މަޒްހަރު އާއެކު ގިނަ ދުވަސްތައް އަހަރެން ހޭދަކުރީ ހޮސްޕިޓަލުގައި. އިންޖެކްޝަން ޖަހަންށާއި ބޭސް އަޅަން އަމިއްލައަށް ދަސްކޮށްގެން އެކަންކަން ވެސް ކޮށްދިނިން. އޭރުން ދަރިން ވެސް ކުދި. އެހެންވެ ދަރިން ބަލަމުން ބަލިހާލުގައި އޮތް ފިރިމީހާ ވެސް ބެލީ އެކަނިމާއެކަނި. އެކަކުވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށެއް ނުލި. އަހަންނަށް ޔަގީން އެހެން އަންހެނަކަށް އަހަރެން އުޅުނު ގޮތަށް ނޫޅެވޭނެކަން. އެ ވަރުން ވެސް އަހަރެން މަޒްހަރު ދޫކޮށެއް ނުލަން. އިންޑިއާ ޑޮކްޓަރުން އުންމީދު ކަނޑާލުމުން ބޭރު ގައުމުތަކަށް ވެސް އޭނާ ގޮވައިގެން ދަތުރުކޮށް ފަރުވާ ހޯދާދިނިން. އަދި 1997ގައި އޭނާއަށް ގެޔަށް ދިއުމުގެ ހުއްދަ ލިބުނު. އެ ދެމެދުގައި ފާއިތުވީ ފަސް އަހަރު އަހަރެންނަށް ރޭ ދުވާ ތަކުރާރުވީ ގޮތް ވެސް ނޭނގޭ،" ޒީނަތު ބުންޏެވެ.

މަޒްހަރު މި ދުނިޔެއަށް އަލްވަދާއުކީ 1998 ގައެވެ. މަޒްހަރާއެކު ހޭދަކުރި ކައިވެނީގެ ދުވަސްތަކުގައި އޭނާގެ ހަށިގަނޑަށް އެތައް ގިނަ އަނިޔާތަކެއް ލިބިފައިވިޔަސް މަޒްހަރު ކައިރިން ވަރިވާކަށް ޒީނަތަކަށް ނުކެރުނެވެ. މަޒްހަރު މަރުވިއިރުވެސް ޒީނަތު ހުރީ އޭނާގެ އަންބެއްގެ ގޮތުގަ އެވެ.