ދުނިޔެ

އީރާންގެ ކަނޑުގެ ސިފައިންނަށް ޒަމާނީ ހަތިޔާރު

އީރާނަށް އެމެރިކާއިން އަޅާފައި ހުރި ދަތި ކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އެ ގަމުން ގެންދަނީ އަސްކަރީ ގާބިލުކަން އިތުރު ކުރަމުންނެވެ. އީރާންގެ އިގުތިސޯދީ ދުވެލި މަޑު ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ދާތަން ދުނިޔެއަށް ފެނެ އެވެ.

ނިއުކްލިއާ ބާރަކަށް ވުމަށް ޕްލުޓޯނިއަމް ފަދަ މާއްދާތައް މުއްސަނދި ކުރަން ވެސް އީރާނަކަށް ހުރަހެއް ނެތެވެ. ދަތި ކުރުމުގެ ފިޔަވަޅުތައް އޮތްތަނުގައި އޮތީ އެވެ. އީރާނުން ބުނީ އީރާން އެދޭ ގޮތަށް އެމެރިކާއާށް ކަމެއް ކޮށްދެވެން ނެތް ނަމަ އޮތީ ނިއުކްލިއާ ރޫހެއް ކަމަށެވެ.

އީރާނުން މިހާރު މަސައްކަތް ކުރަނީ އަސްކަރީ ގާބިލުކަން އިތުރުކޮށް ޒަމާނީ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ލިބިގަތުމަށެވެ. އެގޮތުން އަމިއްއަށް އުފައްދާފައި ހުރި މިސައިލާއި ރޮކެޓްތައް އަސްކަރީ ބާރުތަކުން ބޭނުންކުރެ އެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނާ ގޮތުން އަމިއްލަ ގައުމުގައި އުފައްދާފައި ހުރި ހަނގުރާމަމަތީ މަނަވަރުތައް ކަނޑުގެ ސިފައިން ވަރަށް އަވަހަށް ބޭނުން ކުރަން ފަށާނެ އެވެ. އެގޮތުން އަލަށް އުފެއްދި ހަނގުރާމަމަތީ ތިން މަނަވަރެއް ހަވާލު ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާއިން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާން ލިބެންޖެހޭ އެތައް ފައިސާއެއް ދުނިޔޭގެ އެކި ގައުމުގައި ހުރި ތާށިވެެފަ އެވެ. ސައުތު ކޮރެއާ އާއި ޖަޕާން އަދި ޔޫރަޕްގެ ބައެެއް ގައުމުތަކުން ވެސް އީރާންގެ ފައިސާތައް ހުރީ ހިފަހައްޓާފަ އެވެ.

އީރާނުން ބުނީ އަސްކަރީ ގޮތުން އަމިއްލަ ފައި މައްޗަށް ތެދުވަން ކުރާ މަސައްކަތްތަކަށް ފުކެއް ވެސް ދޫނުކުރާނެ ކަމަށާއި އެމެރިކާއިން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުން މެދުކަނޑާލާނެ ކަމަށެވެ.

އެމެރިކާއާ އީރާނުން މަޝްވަރާ މޭޒުދޮށަން ދާނެ ކަމަށް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް އީރާނުން ބުނީ ހުސް އަނގަތަޅަން ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އީރާނަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން އެމެރިކާ ބޭނުން ނުވާ ނަމަ މަޝްވަރާގެ މުހިންމު ކަމެއް ނެތް ކަމަށް އީރާނުން ބުނެ އެވެ.