ދައުލަތުން ނަގާފައިވާ ލޯންތަކަށް ފައިސާ ދެއްކުމަށް ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި ނަަމަވެސް އަންނަ އަހަރު ލޯނަށް ދައްކަން ޖެހޭ ފައިސާ ބަޖެޓުގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 36 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޖުމްލަ ދަރަންޏަކީ 9.7 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން ނަގާފައިވާ ލޯންތަކަށް އަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭތީ އެ އަދަދަށް ބަޖެޓްގައި ފައިސާ ހިމަނާފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދަރަނި ދެއްކުން ސަރުކާރަށް އިންތިހާއަށް އުދަނގޫ މައްސަލަ އަކަށް ވެފައިވާ ކަމަށެވެ. ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދުތަކަށް ބަލާއިރު ދަރަނި ދެއްކޭ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބޭ ކަމަށެވެ. ކުރިއަށް ހުރި ދުވަސްތަކަށް ބަލާއިރު ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެން ނޫނީ ދަރަނި ދެއްކުމަށް ސަރުކާރަށް އިތުރު ދަތިތަކަކާ ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެގޮތަށް އާމްދަނީ ލިބޭނެ ކަމަށް ދެކުމަކީ ވެސް ހިޔާލުފޮލައެއް ކެއްކުން ކަހަލަ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ ވާހަކަ ދައްކާއިރު ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓް ކޮށްފައިވާ އަދަދަށް ފައިސާ ހުރި ކަން ޔަގީންކުރުމާއި، ދަރަނި ދެއްކުމަށްފަހު ދައުލަތުގެ ހަޒާނާގައި ފައިސާ ހުންނާނެ މިންވަރެއް ބެލުން މުހިއްމު ކަމަށެވެ. ދައުލަތުން އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ބޮންޑެއްގެ ބޮޑު ބައި މިއަހަރު ދައްކާފައިވީ ނަމަވެސް ދަރަނީގެ އަދަދު ބޮޑު ކަމަށާއި އަންނަ އަހަރަށް ވުރެ 2023 ވަނަ އަހަރު ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަންޖެހޭ ހޭދަ މާބޮޑުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަނދާން ވަނީ އަންނަ އަހަރުގެ ދަރަނީގެ އަދަދަކީ 2.9 ބިލިއަން ރުފިޔާއޭ. އެ އަދަދަށް ފައިސާ ހުރި ކަމުގެ އަންދާޒާއެއް އަޅުގަނޑަށް އެބަފެނޭ،" ނަޝީދު ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނީގެ ހާލަތު ދެނެގަތުމަށް މަޖިލީހުން ފުން ދިރާސާއެއް ކޮށްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ދަރަނީގެ މައްސަލާގައި މަޖިލީހުން ސަރުކާރަށް ލަފާތަކެއް ދީފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުން މިވަގުތަށް ވަރަށް މުހިއްމު ކަމަށެެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ލޯނަށް ފައިސާ ދައްކަންޖެހޭ ތާރީހުތައް ފަސްކުރުމާއި ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ކުޑަކުރުމާއި އަދި ދަރަނީގެ ބައެއް އަދަދުތައް ސަރުކާރުން މަސައްކަތް ކޮށްގެން މައާފްކުރުމެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދަރަނީގެ ހާލަތު އޮތް ގޮތުން ދަރަނި ދެއްކުމުގައި ގްރޭސްޕީރިއަޑެއް ހޯދަންޖެހޭ ކަމަށެވެ. އެގޮތުން އެމަނިކުފާނު ލަފާ ދެއްވީ ކުރިއަށް އޮތް ދެ އަހަރު ލޯން ނުދައްކާ ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދުމަށެވެ.
މިދިޔަ އަހަރާއި މިއަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނި ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެ ކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށް އަންނަ އަހަރުގެ ބަޖެޓް ފޮތުގައި ހިމަނާފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 122 ޕަސެންޓެވެ.
އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރުމަށް 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އޭގެތެރޭގައި ހިމެނެނީ ދަރަނީގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ހޯދަން ޖެހޭ ފައިނޭންސްގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ މީހުންގެ އަތުން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ދިވެހިންގެ އަތުން 5.9 ބިލިއަން ރުފިޔާ ހޯދުމަށްވެސް ބަޖެޓްގައި ވަނީ ކަނޑައަޅާފަ އެވެ.