ކިތަންމެ ބިޒީ ޝެޑިއުލްއެއްގައި އުޅެންޖެހިފައިވިޔަސް މަދުވެގެން ދޮޅު ގަޑިއިރު ނުވަތަ ދެގަޑިއިރު އަންހެންވެރިން ހޭދަކުރަނީ ބަދިގޭގަ އެވެ.
ކެއްކުމުގެ އިތުރުން، ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ހުރިހާ އެއްޗެއްވެސް ބަހައްޓާފއި ހުންނަ ތަނަކީ ބަދިގެއަށް ވާއިރު، ބަދިގެވާން ޖެހޭނީ ވަރަށް ސާފުތާހިރު ތަނަކަށެވެ.
ކުނިކާއެއްޗެހީގެ އިތުރުން ހަޑިކޮށް ހުންނަ ސިންކަ ފަދަ ތަންތަނުން ބެކްޓީރިއާގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފަސޭހައިން ފެތުރޭއިރު، ބަދިގެ ތެރެއާއި ގެންގުޅޭތަކެތީގެ ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.
ކެއްކުމުގެ އިތުރުން ބަދިގެ ތެރެ ސާފުކޮށް، އެހެނިހެންވެސް ގޮތްގޮތުން ބަދިގެ ތެރެ ސާފުކުރުމަށް މިކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.
1. ބަދިގޭގައި ހުންނަ ކަބަޑު ނުވަތަ ކިޗެން ކައުންޓާ އަކީ ކޮންމެ ގަޑިއެއްގެ ވެސް ކެއުން ތައްޔާރުކުރުމަށް ބޭނުންވާ ތަރުކާރީގެ ފަދަ ތަކެތި ކޮށުމުގެ އިތުރުން، ދޮވެފައި ހުންނަ ސަމްސަލާއި އޫ ފަދަ ތަކެތި ފެންހިއްކަން ވެސް ބޭނުންކޮށްއުޅެ އެވެ. އެހެންކަމުން ކިޗަން ކައުންޓާ ވާންޖހެނީ ވަރަށް ސާފުތާހިރުކޮށް ހުންނަ ޖެހޭ ތަނަކަށެވެ. ފެން އެއްޗިސް އެއްވެސް ވަރަކަށް މިފަދަ ތަންތަނުގައި ހަރުލާފައި ހުރެގެން ނުވާނެ ެވެ. ސާފު ތުވާލިކޮޅަކުން ނުވަތަ ފޮތި ކޮޅަކުން މިފަދަ ތަންތަނުގައި ހުންނަ ފެން ފޮހެގެން ނަގަން ޖެހޭނެ އެވެ. މިގޮތަށް ފެންފުހެން ބޭނުންކުރާ ފޮތިކޮޅު ވާންޖެހޭނީ ޑިޓޯލް ފަދަ އެއްޗަކުން ރީތިކޮށް ދޮވެފައިވާ ފޮތިކޮޅަކަށެވެ . އަދ މިގޮތަށް ފެން ނެގުމަށްބޭނުންކުރާ ފޮތިކޮޅު ތެެއްވެއްޖެނަމަ އެންމ ރަނގަޅު ގޮތަކީ އާއެތިކޮޅެއް ބޭނުންކުރުމެވެ. ސަބަބަކީ ފޮތިކޮޅު ތެތްކޮށް އެހެން އޮންނަމަ އޭގައި ބެކްޓިރިއާ އަށަގަތުމުގެ ފުރުސަު ބޮޑުވުމުންނެވެ. އެހެންކަމުން ތައްޓާއި ސަމުސާ އަދި އޫ ފަދަ ތަކެތި ފޮހެން ތެތްވެފައި ހުންނަ ފޮތި ބޭނުންނުކުރާށެވެ. މިގޮތަށް ތެތްވފައި ހުންނަ ފޮތިތަކުގައު ނުބައި ވަސް ހަރުލާފައި ހުރުން އެކަށިގެންވެ އެވެ.
2. ގިނަ މީހުންނަކީ ތަށި ފަދ ތަކެތި ދޮވެފައި ފެން ހިކެންދެން ބެހެއްޓުމަށްފަހު، އެތަކެތި ނަގައި ކަބަޑުފަދަ ތަންތަނަށްލާ މީހުންނެވެ. ނަމަވެސް މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެންމެ ރަނގަޅު ގޮތަކީ އެއެއްޗެއް ދޮވުމަށްފަހު ފޮތިކޮޅަކުން ފެން ހިއްކާލުމަށްފަހު އެއެއްޗެއް ލާން ޖެހޭ ތަނަކަށް ލުމެވެ. އެހެންނޫންނަމަ، ފެނާއި އެކު މިތަކެތި ހާމަޔަށް ބެހެއްޓުމުން ބެކްޓީރިއާ މިތަކެތީ އަށަގަތުމުގެ ފުރުސަތު ބޮޑުވުމެވެ.
3. ބާކީވެ އުކާލަންޖެހޭ ކާއެއްޗިއްސާއި އެނޫންވެސް ބަދީގޭގައި ބޭނުންކުރުމަށްފަހު އުކާލާ ކުނި އަޅާ ޑަސްބިނަކީ ބެކްޓީރިއާގެ ހާއްޔެކެވެ. އެހެންކަމުން ޑަސްބިން ތެރޭގައ ކާއެއްޗިސް ކުނިވާން ބެހެއްޓުމުގެ ބަދަލުގައި ކުނިކާއެއްޗިހި ޑަސްބިންގައި ހުންނަ ނަމަ ވީހާވެސް އަވަހަކަށް ދަސްބިން އުކާލާށެވެ. މިގޮތަށް ޑަސްބިނަށް ކާއެއްޗިހި އަޅާފައި ހުންނަމަ، ކުރަފި އާއި މެހި ފަދަ ތަކެތި ވެސް ބަދިގެތެރޭގައި ގިނަވާނެ އެވެ. ކޮންމެދުވަހެއްގެވސް ޑަސްބިން އުކާލުމަށްފަހު، ޑަސްބިން ތެރެއަށް އިންސެކްޓް ރެޕެލެންޓް ސްޕޭކުރުމާއި ގަވާއިދުން ކޮންމެ ހަފްތާއަކު ދެދުވަހު މަދުވެގެން ޑަސްބިން ދޮވެ، ސާފުކުރަންވާނެ އެވެ. މީގެއިތުރުން ވެސް ކުނިކާއެއްޗިހި ޑަސްބިނަށް އަޅާނަމަ، އެންމ ރަނގަޅު ގޮތަކީ ވަކި ކޮތަޅަކަށް އެޅުމަށްފަހު ޑަސްބިނަށް ލުމެވެ. އޭރުން ކާއެއްޗިހީގެ ކުނިވަހާއި އެއަށް ކުނިމެހި ކަހަލަ އެއްޗިސް ކައރިވުން ކުޑަވާނެ އެވެ.
4. ގިނަ ކާއެއްޗިއްސާއި، މޭވާ އާއި ތރުކާރީ ރައްކާކުރުމަށް ބޭނުންކުރާ އައިސްއަލަމާރީގެ އަތްގަނޑަކީ ވެސް ގިނައަދަދަކަށް ބެކްޓީރިއާ ހުންނަ ތަނެކެވެ. ގޭގައި އުޅޭ އެކި މީހުން އައިސްއަލަމާރިން ފެންފުޅި ނެގުމަށާއި އެކި ކަންކަމުގައި ހުޅުވާއިރު، އެއިން ކޮންމެ މީހެއްގެ އަތުގައި ހުންނަ ޖަރާސީމުތައް ވެސް އައްގަނޑުގައި ހަރުލާފައި ހުންނާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ޑެޓޯލް ފެނުން ތެންމާފައިވާ ފޮތިކޮޅަކުން އައިސްއަލަމާރީގެ އަތްގަނޑާއެކު ރީތިކޮށް ދޮރުފަތުފގެ ބޭރު ސާފުކުރާށެވެ.
5. ބަދިގޭގައި ހުންނަ ކަބަޑުތަކާއި ތައްޓާއި ސަމުސާ ފަދ ތަކެތި ސާފުކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ފަދައިން، ބަދިގޭގެ ތަޅުން ގަނޑަކީވެސް ލައްކަ ޖަރާސީމެއް އޮންނަ ތަނެކެވެ. އެހެންކަމުން ކޮންމެ ގަޑިއަކަށްވެސް ކައްކައި ނިންމާލުމަށްފަހު، ރަނގަޅަށް މޮޕް ޖަހަން ހަނދާންކުރާށެވެ. ސަބަބަކީ ބިންމައްޗަށް ނޭނގިނަމަވެސް ކާއެއްޗިހި އެޅުމާއި ކުނި ކާއެއްޗިހީގެ ދިޔަ ފަދަ ތަކެތިވެސް ބިންމައްޗަށް އެޅިފައި ހުރެދާނެތީ އެވެ. ބަދިގެ މޮޕްކުރަން ގެންގުޅޭ މޮޕާއި ގޭތެރޭގއި ޖަހަން ގެންގުޅޭ މޮޕް ވަކިކޮށްގެން ގެންގުޅޭށެވެ.
6. ކައްކަން ގެންގުޅޭ ތެލިއާއި ތަވާ ފަދަ ތަކެތީގެ އެތެރޭގެ އަތްގަނޑު ކައިރީގައި ކާއެއްޗެހި ވަރަށް ފަސޭހައިން ހަރުލާނެ އެވެ. މިހެން ވުމުން ގިރިސް ކަހަލަ ގޮތަކަށް ކާއެއްޗިހި އެތަން ވަށާ ހަރުލާފައި ހުރެ އެވެ. މިގޮތަށް ހުންނަނަމަ އެތަންތަން އަވަަހަށް ސާފުކުރަން ޖެހޭނެ އެވެ. ބައެއް ފަހަރަށް ތެލި ދޮންނަން ގެންގުޅޭ އެއްޗަކުން ސާފުކުރަން އުނދަގޫވެއްޖެ ނަމަ ފެންކޮޅެއްގެ ތެރެއަށް ލުނބޯ ހުތްކޮޅެއް ފިތާލުމަށްފަހު އޭގެއިން ސާފުކޮށްލާށެވެ.
7. މިއީ ވަރަށް ގިނަ މީހުންނަށް ހެދޭ ގޯހެކެވެ. ކައްކަން ގެންގުޅޭ ހުރިހާ އެއްޗެއް ކޮށަން އެންމެ ކަޓިން ބޯޑެއް ގެންގުޅުމެވެ. ތަރުކާރީ އާއި ރޯމަސް ފަދަ ތަކެތި ކޮށަން ވަކިން ދެބޯޑެއް ގެންގުޅޭށެވެ. ހަރުކޮށް ހުންނަ ޕްލާސްޓިކް ކަޓިން ބޯޑަށް ވުރެން ރަނގަޅީ ވޫޑަން ކަޓިން ބޯޑެވެ. ސަބަބަކީ ޕްލާސްޓިކް ކަޓިން ބޯޑަށް ވުރެން ވޫޑަން ކަޓިން ބޯޑް ގިނަ ދުވަހު ގެންގުޅޭވޭނެތީ އެވެ.
8. ބަދީގައި ކާއެއްޗެއް ކައްކާލުމުން އެއްޗެއްގެ ވަސް މުޅި ގޭތެރޭގައި އާއި ބަދިގެ ތެރޭގައި ވަރަށް ގަދަ އަށް ހަރުލާފައި ހުރޭ ހެއްޔެވެ؟ މިގޮތަށް ހުންނަ ކާއެއްޗެހީގެ ވަސް ފިލުވާލުމަށް ކުޑަ ފިޔައެއް ހަތަރު ފަޅިކޮށް ކޮށްލުމަށްފަހު ބަދިގެ ތެރޭގައި ބާއްވާށެވެ. ބަދިގެ ތެރޭގައި ގަރުލާފައި ހުންނަ ކާއެއްޗެހީގެ ވަސް ފިޔައަށް ދަމައިގަންނާނެ އެވެ.
ތިމާގެ ބަދިގެ އަކީ ސާފުތާހިރު އަދި ބަލިތަކުން ރައްކާތެރި ތަނަކަށް ހެދުމަށް ވަރަށް ސަމާލުވެ، ސާފުތާހިރުކަމަށް އިސްކަންދޭންޖެހޭނެ އެވެ.