ޖޭއެސްސީ

ބ. އަތޮޅު އިސް މެޖިސްޓްރޭޓްގެ މައްސަލަ ސާބިތެއްނުވި

ބ. ޖުޑީޝަލް ދާއިރާ އާއި ހަވާލުވެވަޑައިގެން ހުންނެވި އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީން ނިންމައިފި އެވެ.

ލަތީފުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން އެ މައްސަލަ ބަލާ ކަމުގެ ނޯޓިސް އޭނާ އަށް ދީފައިވަނީ ނޮވެންބަރު 26، 2019 ގައެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަތީފުގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިމަހުގެ 17 ދުވަހު ކަމަށެވެ.

ލަތީފްގެ މައްޗަށް ބަލަމުންދިޔަ މައްސަލައަކީ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން އިސް ލަތީފް މައްސަލައިން ތަނާޒުލް ވެފައިވާ މައްސަލަ އެކެވެ.

ޖޭއެސްސީން ބުނީ ހަމަ އެ ހަސްމާ ގުޅޭ ގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލައިފައިވާ ކަމަށެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް ކަމަށެވެ.