އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމުހަތު ކުރާ މުހައްމަދު އަމީންގެ ލެޕްޓޮޕްގައި ހުރި އައިއެސް ޖަމާއަތާ ގުޅުން ހުރި ވީޑިއޯތައް މިއަދު ކްރިމިނަލް ކޯޓުގައި ދައްކައިފި އެވެ.
އަމީންގެ ތޮޝީބާ ބްރޭންޑްގެ ލެޕްޓޮޕުން ފެނުނު އަށް ވީޑިއޯއެއް މިއަދު ދައުލަތުން ވަނީ ކޯޓުގައި ދައްކައިފަ އެވެ. މީގެ ތެރޭގައި ދިވެހި ބަހުން އަޑު އަޅާފައިވާ އައިއެސްގެ ވީޑިއޯއެއް ވެސް ހިމެނެ އެވެ. މި ވީޑިއޯތަކުން ފެންނަނީ ހަނގުރާމައިގެ މައިދާނާއި އެތަނުގައި މީހުންނަށް ލިބެމުންދާ އަނިޔާތަކާއި ބޭރުގެ ހަނގުރާމަވެރި ސިފައިންގެ މީހުންނެވެ. އަރަބި ބަހުން ހުރި ވީޑިއޯތަކުގެ ތިރިން އިނގިރޭސި ބަހުން ސަބްޓައިޓްލް އަރަ އެވެ. މި ވީޑިއޯތަކަކީ ހަނގުރާމައަށް ދިއުމަށް މީހުންނަށް ބާރުއަޅާފަދަ ވީޑިއޯތަކެކެވެ.
ފުވައްމުލަކަށް ނިސްބަތްވާ އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.
ކޯޓުގައި މިއަދު އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމުގެ މަޖިލީހެކެވެ. އެގޮތުން އަމީންގެ ލެޕްޓޮޕް އެނަލިސިސް ހެދި އޮފިސަރާއި އަދި ތަހުގީގުގެ ބޭނުމަށް ރިޕޯޓް ހެދި އޮފިސަރު ހާޒިރުކޮށް ހެކިބަސް ނެގި އެވެ.
އަމީންގެ ލެޕްޓޮޕް ތަހުލީލުކުރި ސަބް އިންސްޕެކްޓާ އިބްރާހިމް ޒުހައިރު ވިދާޅުވެފައި މި ވީޑިއޯތަކަކީ މި މައްސަލައާ ގުޅުންހުރި ވީޑިއޯތަކެއްކަމަށް ކަނޑައަޅާފައި ވަނީ އެފަދަ އެހެން މައްސަލަތަކެއްގައި މިފަދަ ވީޑިއޯތައް ފެނިފައިވާތީ ކަމަށެވެ. ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމަށް ބޭނުންކުރާ މިފަދަ ވީޑިއޯތަކުގެ ކަނެއްގައި އައިއެސް ޖަމާއަތުގެ ލޯގޯ އަދި އެމީހުންގެ މީޑިއާ ޗެނެލްގެ ލޯގޯ ޖަހައިފައި ހުންނަ ކަމަށެވެ. މިފަދަ މައްސަލަތަކުގައި މިކަހަލަ ވީޑިއޯތައް ފެންނަ ކަމަށް ވެސް ޒުހައިރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ދެން ސުވާލު އުފެދުނީ ފައިލްތައް އެންކްރިޕްޓް ނުވަތަ އެވިޑެންސް ހުންނަ ޑިވައިސްއަށް އެކްސެސް ނުވެވޭ ގޮތަށް ލޮކް ކުރި ގޮތާ ގުޅިގެނެވެ. އެގޮތުން މިތަކެތި އެއްތަނުން އަނެއްތަނަށް އުފުލި ގޮތާއި އެންކްރިޕްޓްތޯ ކަށަވަރުކުރީ ކިހިނެއް ކަމާއި، އެހެން މައްސަލަތަކުގައި މި ހެކިތައް ބޭނުން ކޮށްފައިވޭތޯ އަދި އެ ޑިވައިސް އަންލޮކް ކުރުން ފަދަ ބައިވަރު ސުވާލުތަކެއް ދިފާއުން ވަނީ ކޮށްފަ އެވެ.
ޒުހައިރު ވިދާޅުވެފައި ވަނީ އެވިޑެންސް ހުރި ޑިވައިސް ޑިކްރިޕްޓް ނުކުރާ ކަމަށެވެ. އަދި އެވިޑެންސް ހުރި ޑިވައިސް އެންކްރިޕްޓްތޯ ޗެކް ކުރުމަށް ދެ ސޮޕްޓެވެއާ އަކުން ބަލައިފައިވާނެ ކަމަށާއި އެއީ 100 ޕަސެންޓް އެންކްރިޕްޓެޑް ޑިވައިސްއެއް ކަމަށެވެ.
މި ހެއްކާ ގުޅޭ ރިޕޯޓު މީގެ ކުރިން މައްސަލަ ހުށަހެޅިއިރު ހުށަހަޅާފައި ނުވާ ކަމާއި، މި ރިޕޯޓް ކޯޓަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުން އަލުން މައްސަލަ ބަލަން އަމުރުކުރި ހިސާބުން ކަމަށް ވެސް ދިފާއުން ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ ކުރިން ހުށަނާޅާ ރިޕޯޓެއް ކުއްލިއަކަށް ހުށަހެޅުމުން ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެން ހިނގައްޖެ ކަމަށް ވެސް ދިފާއުން ވަނީ ފާހަގަ ކޮށްފަ އެވެ.
ނަމަވެސް ދައުލަތުން އެކަން އިއުތިރާޒްކޮށް ބުނެފައި ވަނީ އެ ރިޕޯޓު ހުށަހަޅާފައި ވަނީ ކުރިން މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ ކުރީގައި ކަމަށެވެ. ނަމަވެސް ދިފާއުން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަނޑިޔާރުގެ ސުލޫކީ މައްސަލައާ ގުޅުންހުރި އިޖުރާއީ ނުކުތާއެއް
މި މައްސަލައިގެ ހެކިބަސް ނެގުމުގެ ކުރިން، މައްސަލަ ބައްލަވާ އިސް ފަނޑިޔާރު އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަމުންދާތީ މައްސަލަ މަޑުޖައްސައިލުމަށް ދިފާއުން ހުށަހެޅި އެވެ.
ޖޭއެސްސީ އިން ބަލަމުން ދަނީ އަމީން މީގެ ކުރިން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ނިންމި ނިންމުން ބާތިލުކޮށް ގޭ ބަންދަށް ބަދަލު ކުރި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތްތަކެކެވެ.
ދިފާއީ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވެފައި ވަނީ މި މައްސަލައާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަމުން އަންނައިރު، އިސް ގާޒީ މި މައްސަލަ ކުރިއަށް ގެންދިޔާއިރު ވަކިކޮޅަކަށް ބުރަވެވުމަކީ އެދެވިގެންވާ ކަމެއް ކަމަށް ގިނަ ބަޔަކަށް ހީވެދާނެ ކަމަށެވެ. ހުޅުވާލެވިގެން ކުރިއަށް ގެންދާ ޝަރީއަތެއް ކަމުން އެފަދަ ގޮތަކަށް މީހުން ދެކިދާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ރަގަޅު ގޮތަކީ އެ މައްސަލަ ޖޭއެސްސީ އިން ބަލައި ނިމެންދެން މައްސަލަ ކުރިއަށް ނުގެންދިއުން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިސް ގާޒީ ވިދާޅުވެފައި ވަނީ މި މައްސަލައިގައި އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި، އުއްދަތަމަ ފަނޑިޔާރު މައްސަލަ ކުރިއަށް ގެންދިއުމަށް ވިދާޅުވެފައިވާ ކަމަށެވެ. ސުލޫކީ މައްސަލައެއް ބެލި ނަމަވެސް މައްސަލައިގެ މައުލޫއަށް އެއްވެސް އަސަރެއް ކޮށްފާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އަމީން ގޭ ބަންދަށް ބަދަލުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަަށެވެ. އަދި ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ހުށައެޅީ ޖަލު ބަންދަށް ލުއި ހޯދުމަށް ކަމަށްވެސް ބުނެފައިވެ އެވެ. އަމީންއަކީ ދުނިޔެ އިން ވެސް ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހެއް ކަމަށާ އެފަދަ މީހަކަށް ލުއި ދިނުމަކީ ޓެރިޒަމްގެ އަމަލު ހިންގުމަށް ވާގިދިނުމެއް ކަމަށާ މިފަދަ ނިންމުމެއް ނިންމީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށް ފަހު ނޫން ކަމަށެވެ.
އަމީންއަކީ ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމުގެ ތުހުމަތު އޮތް މީހެކެވެ.