ރައްޔިތުންގެ މަޖިލިސް

އާގުބޯޓަށް ހިދުމަތްދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

އުތުރުން އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތް ދޭން އެދި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގެ ބަހުސް ނިންމައި އެ ގަރާރު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 50 މެމްބަރުންގެ ވޯޓުން ނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ސަލީމްގެ އެ ގަރާރުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ ހުޅަނގާއި އިރުން މުދާ ހިފައިގެން ދަތުރުކުރާ އާގުބޯޓުފަހަރު ރާއްޖޭގެ ސަަރަހައްދުން ދަތުރުކުރެ އެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ، ކާގޯ ބޯޓު ފަހަރު ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ މަޝްހޫރު މަގަކަށް ވާތީ އެއިން ނަފާ ހޯދަން އަމާޒު ހިފިދާނެ އެވެ.

އޭނާ ވިދާޅުވީ އީރާނާއި ޕާކިސްތާނު ފަދަ ގައުމުތަކުން އެ ނަފާ ހޯދަން ޓްރާންސްޝިޕްމަންޓް ބަނދަރުތައް ހަދަމުންދިޔަ ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ރާއްޖޭގެ ނެތް ކަމަށާއި ނަަމަވެސް މިހާރު ވެސް މި ހިނދުން މި ހިންދަށް ކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ހިދުމަތްތައް އާގުބޯޓުތަކަށް ދީފި ނަމަ އެ ހިދުމަތް ގިނަ އަދަދެެއްގެ ބޯޓުތަކުން ލިބިގަންނާނެ ކަމަށެވެ.

"ބޯޓުފަހަރު މަޑުކުރުވައި ކޮންޓޭނަރުތައް ބާލައި ގުދަން ކުރުމާއި ބޯޓުފަހަރު ޑޮކްކުރުމުގެ ހުރިހައި ކަމެއް، ނުކުރިޔަސް
އިހަވަންދިއްޕޮޅަކީ ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓަކަށް ހެދިދާނެ އެވެ. ބޯޓުފަހަރަށް ތެލާއި އެފަދަ އެނޫން ވެސް ޕްރޮވިޝަން. ސަޕްލައިކޮށް ލޯޑު ކުރެވޭ ޕޮއިންޓަކަށް ހެދިދާނެ އެވެ. ރާއްޖޭގެ އިރުމަތީގައި ތިބެފައި އެރޭބިއަން ސީ އަށް ނުކުންނަ ބޯޓުފަހަރު އެ ނުކުންނަނީ ދިގު ދަތުރަކަށެވެ. އެ ދިގުދަތުރަށް ނުކުންނައިރު، އާގުބޯޓު ފަހަރަށް ސެކިއުރިޓީ ހިދުމަތް ބޭނުންވެއެވެ. މާ ބޮޑު އިންވެސްޓްމެންޓެއް ނުކޮށްވެސް މިލިއަނުން ފައިސާ ލިބިދާނެ ކަމެކެވެ." ސަލީމް ހުށަހެޅުއްވި ގަރާރުގައި ވެއެވެ.