ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭން އަދާ ކުރަންޖެހޭ ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ބޭންކުން އަދާ ނުކުރާ ކަމަށް ވިދާޅުވެ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރިޕޯޓުގެ ބަހުސް މަރުހަލާގައި ޝަރީފް ވިދާޅުވީ އެމްއެމްއޭ އިން ލައިސަންސް ދީގެން ރާއްޖޭގައި ބޭންކުތަކެއް ހިންގަމުންދާއިރު ރާއްޖޭގެ އިގްތިސޯދަށް އިންވެސްޓް ނުކުރާ ބޭންކްތައް އެބަހުރި ކަމަށެވެ. އެފަދަ ބޭންކު ތަކުން ކުރާ މަސައްކަތަކީ މާ ކުރިން ދީފައިވާ ލޯންތަކެއްގެ އިންޓަރެސްޓް ނަގައިގެން މުވައްޒަފުންނަށް މުސާރަ ދީގެން ތިބުން ކަމަށެވެ.
ރާއްޖޭގައި ބޭންކެއް ހިންގަން ހުއްދަ ދޭއިރު ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާ ކަންކަމަށް އިންވެސްޓް ކުރަން ޝަރުތުތަކެއް ކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ބައެއް ބޭންކުތަކުން އެގޮތަށް އަމަލު ނުކުރާ ކަމަށާއި އެކަމުގައި މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން އެމްއެމްއޭ އިން އަދާ ކުރަންޖެހޭ ރެގިއުލޭޓަރީ ދައުރު އަދާ ކުރަމުން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަލުން ބަލުން އަޅުގަނޑު މި ގޮވާލަނީ ބޭންކިން ސިޔާސަތުތައް ބަލައި ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތަކަށް ރާއްޖޭގައި ދިގު ރާސްތާއަށް ކުރެވޭ އިންވެސްޓްމަންޓްތަކަށް އިންވެސްޓް ނުކުރާ ފަރާތްތަކުގެ ލައިސަންސް ދީފައިވާ ގޮތްތައް އަލުން ބަލުން އެމްއެމްއޭ އިން ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދުނިޔޭގެ އެހެނިހެން ސެންޓްރަލް ބޭންކް ތަކުން ވެސް ބޭންކްތަކާ ދޭތެރޭ އަމަލުކުރާ ގޮތަށް ރެގިއުލޭޓް ކުރަން ފައްޓަވާށޭ،" ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ ބައެއް ބޭންކުތަކުން ލޯން ދޫކުރުމަށް ފަސްޖެހޭ ކަމަށް ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ އެ މައްސަލަ ކުރިމަތި ވަނީ ދޫކުރާ ލޯނަށް ފައިސާ ނުދައްކާ ހާލަތުގައި އެ ލޯނަށް ރަހުނު ކޮށްފައިވާ މުދާ ވިއްކައިގެން ފައިސާ ހޯދަން ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ. އެ މައްސަލަ ހައްލު ކުުރުމަށްޓަކައި ވިޔަފާރީގެ މައްސަލަތަކަށް ހާއްސަ މާޗެންޓައިލް ކޯޓެއް ގާއިމު ކުރުމަށް ވެސް ޝަރީފް ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޑޮލަރު މާރުކުރެވޭނެ އަގެއް ނުވަތަ ޑޮލަރުގެ ރޭޓު އެމްއެމްއޭ އިން ޕެގް ކޮށްފައިވާ ކަމަށެވެ. އެކަމުގައިވެސް ރެގިއުލޭޓް ކުރާ ފަރާތުގެ ހައިސިއްޔަތުން ކަމާ ގުޅޭ ސިޔާސަތުތައް އެމްއެމްއޭ އަށް ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވެ ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވެވި އެވެ. ޕެގް ކޮށްގެން އެއްވެސް ކަމެއް ތަންފީޒު ނުކުރެވޭނަމަ ރައްޔިތަކަށް އެކަމުން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ތަންފީޒު ނުކުރެވޭ ކަމަށް ވަނީވިއްޔާ މިހާރު ޕެކް ކޮށްފައި އޮތް އޮތުން ދޫކޮށްލުމަށް އަޅުގަނޑު ގޮވާލަން. އަދި ދިވެހި ފައިސާ ފްލޯޓްކޮށް އެވަގުތަކު މާކެޓް ސަޕްލައި ހުންނަ ގޮތަކަށް ބަލައި އެކްސްޗޭންޖް ރޭޓުގެ އަގު ކަނޑައެޅުން މާކެޓަށް ދޫކޮށްލަން. އޭރުން މިހާރަށް ވުރެ މާފަހި ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް 19އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން ރާއްޖެއިން ޖުމްލަކޮށް ރަނގަޅު ސިޔާސަތުތަކެއް ގެންގުޅެފައިވާ ކަމަށެވެ. އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ޗާޕް ކޮށްގެން ސަރުކާރުން ފައިސާ ނަގާ މައްސަލާގައި ޝަރީފް ވިދާޅުވީ އިގްތިސާދީ ހާލަތު އޮތް ގޮތުން އެކަން ކުރަންޖެހޭ ކަމަށެވެ.
އިގްތިސާދީ ހާލަތު އަލުން ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިގްތިސާދު ވިހާވެސް ބޮޑަށް ފުޅާވާ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަށް ވެސް ޝަރީފް ގޮވާލެއްވި އެވެ. އަދި މަނިޓަރީ ސިޔާސަތާއި ފިސިކަލް ސިޔާސަތު މިވަގުތު އެއް ހަމަކުރުން މުހިއްމު ކަމުގައި ވިދާޅުވި އެވެ.