ލައިފްސްޓައިލް

އަންހެނުން "ތާޖް މަހަލް"އެއް ބިނާކޮށްދީފި

އިންޑިޔާގައި ހުންނަ ތާޖް މަހަލް އަކީ ލޯބީގެ ބިނާ ތަކުގެ ތެރެއިން އެންމެ ލާމަސީލު ބިނާ އެވެ. ޒަމާނުއްސުރެ ގިނަ ބަޔަކު ތާޖް މަހައްލު ސިފަ ކުރަނީ ލޯބީގެ ރަމްޒެއްގެ ގޮތުގަ އެވެ.

އިންޑިޔާގެ މަދްޔަޕްރަދޭޝްގެ ފިރިހެނަކު އޭނާގެ އަންހެނުންނަށް ތާޖް މަހައްލު ފަދަ ތަނެއް މިހާރު ވަނީ ބިނާ ކޮށްދީފަ އެވެ. އަންހެނުން ދެކެ އޭނާ ވާ ލޯބީގެ ނިޝާނެއްގެ ގޮތުގަ އެވެ.

ބުރްހާންޕޫރްގައި ދިރިއުޅޭ އާނަންދު ޗޯކްސޭ ނަމަކަށް ކިޔާ މި މީހާއަކީ ތާޖް މަހައްލަށް މޮޔަވެފައި ހުރި މީހެކެވެ. އަދި ރަސްގެފާނު ޝާހް ޖަހާން ތާޖް މަހަލް ބިނާ ކުރެއްވީ އެންމެ ލޯބިވާ އަނބިމީހާ މުމްތާޒް ދެކެ ވާ ލޯބީގެ ރަމްޒެއްގެ ގޮތުން ކަމަށް ވެފައި މުމްތާޒު ދުނިޔެ ދޫކުރީ ބުރުހާންޕޫރުގައި ކަމަށް ވާތީ އެ ރަށުގައި އެފަދަ ބިނާއެއް ނެތުމުން އަބަދުވެސް އެކަމާ ޗޯކްސޭ ވަރަށް ވިސްނަ އެވެ. އަނބިމީހާއަށްޓަކައި ތާޖްމަހަލް ކަހަލަ ބިނާއެއް ތައްޔާރު ކުރަން އޭނާ ނިންމީ މި ހުރިހާ ސަބަބަކާ ހުރެ އެވެ.

ކުރީ ޒަމާނުގެ ބައެއް ވާހަކަތަކުގައި ކިޔާ ގޮތުން ތާޖް މަހައްލު ފުރަތަމަ ބިނާ ކުރަން ހަމަޖެހިފައި އޮތީ ޓަޕްޓީ ކޯރުގެ އައްސޭރީގަ އެވެ. ނަމަވެސް ފަހުން ޔަމުނާ ކޯރުގެ އައްސޭރީގައި އާގަރާ ކިޔާ ރަށުގައި އެ ގަނޑުވަރު ބިނާ ކުރަން ނިންމީ އެވެ.

ޗޯކްސޭ އޭނާގެ ލޯބިވާ އަނބިމީހާއަށް މި ތައްޔާރުކުރި "އާ ތާޖް މަހައްލު" އަކީ އަސްލު މޮނިއުމަންޓް ހާ ބޮޑު ތަނެއް ނޫނެވެ.

އޭނާ މިތަން ތައްޔާރު ކޮށްފައި ވަނީ ހަތަރު ކޮޓަރީގެ ގެއެއްގަ އެވެ. ޗޯކްސޭގެ ތާޖް މަހައްލުގައި ހުރި ޑޯމްގެ އުސްމިނުގައި ހުރީ 29 ފޫޓެވެ. ނަމަވެސް މިތަނުގެ ބޭރުން ބަލާލާއިރު ހީވަނީ ހަމަ ކުޑަވަރެއްގެ ތާޖް މަހައްލެއް ހެންނެވެ. އަދި އެތެރެ ވެސް އޭނާ ތައްޔާރުކޮށްފައި ހުރީ ހަމަ އޮރިޖިނަލް މޮނިއުމަންޓްގައި ހުރި ގޮތް ބަލައިގެން އެ ގޮތަށެވެ.

މި ގޭގައި ތާޖް މަހައްލުގައި ހުންނަ ޓަވަރުތައް ކަހަލަ ޓަވަރުތައް ވެސް ހުރެ އެވެ. އަދި ތަޅުންގަނޑުގައި ޖަހާފައި ވަނީ ވެސް އަސްލު ތާޖް މަހައްލުގައި ޖަހާފައި ހުރި ކަހަލަ ހާއްސަ މާބްލް އެކެވެ.

މި ގެ ބިނާކުރަން ތިން އަހަރު ނެގި އެވެ. އަދި ގޭގެ މަސައްކަތްކުރި އިންޖިނިއަރުން ބުނި ގޮތުގައި ގެ ބިނާ ކުރުމުގައި އެމީހުންނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ.

މި ގެ ބިނާ ކުރުމުގެ ކުރިން އިންޖިނިއަރުން ވަނީ އަސްލު ތާޖް މަހައްލު ބިނާ ކޮށްފައި ހުރި ގޮތް ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކޮށްފަ އެވެ. އަދި ގޭގެ އެތެރޭގައި ހުރި އަތްތެރި މަސައްކަތްތައް ކޮށްފައި ހުރި ބައިތަކުގެ މަސައްކަތްކުރަން އެކި ރަށްތަކުން ކަމާ ބެހޭ ފަންނުވެރިން ގެނެސްގެން މަސައްކަތް ކުރުވާފައި ވެއެވެ. އަދި މި ގޭގައި ބަހައްޓާފައި ހުރި ފަރުނީޗަރަކީ ވެސް ތާޖް މަހައްލުގައި ހުރި އެއްޗެތި ކޮޕީ ކޮށްގެން ތައްޔާރު ކޮށްފައި ހުރި ފަރުނީޗަރެވެ.

މި ގެއަށް ވަނީ "އަލްޓްރާޓެކް އައުޓްސްޓޭންޑިން ސްޓްރަކްޗާ އޮފް އެމްޕީ"ގެ އެވޯޑު ލިބިފައި ކަމަށް އާޖް ތަކް ޓީވީން ދެއްކި ރިޕޯޓެއްގައި ބުނެފައި ވެއެވެ.