މަގުމަތީގެ އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަހަރު ވަރަށް ގިނަ އެވެ. އަދި ފުރާނަ ނުދިޔަސް މުޅި އުމުރަށް އެ ވޭނެއްގައި އުޅެން ޖެހޭ ކަހަލަ ކަންކަން މަގުމަތީގެ އެކްސިޑެންޓަކުގައި ވަރަށް ގިނައިން ދިމާވެ އެވެ. ނަމަވެސް މިފަހަރުގެ މި ދިމާވެގެން އުޅޭ އެކްސިޑެންޓް ވަރަށް ތަފާތެވެ.
މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑީއާގައި މިހާރު ދައުރުވަމުންދާއިރު މި ވީޑިއޯގައި ފެންނަނީ މީހަކު އޭނާގެ ކާރު ހަލާކުވާނެކަން ޔަގީންވާއިރު ވެސް އެކަމަށް ބެލުމެއް ނެތި މީހެއްގެ ފުރާނަ ސަލާމަތްކޮށްދޭ މަންޒަރެވެ. އެކްސިޑެންޓުގައި ބޮލަށް އަނިޔާވެ އަނެއް ވެހިކަލްތައް އިން މީހާ އޭރު އޮތީ ހޭނެތިފަ އެވެ.
ނެދަލެންޑްސްގައި ހިނގި މި އެކްސިޑެންޓްގައި ހައިވޭއަކުން ދަތުރުކުރި ކާރެއް ދުއްވަން އިން މީހާ ހޭނެތި ކާރުގެ ކޮންޓްރޯލް ގެއްލުނީ އެވެ. އަދި ކާރު ހައިވޭ އިން ބޭރަށް ގޮސް ވިނަގަނޑަކަށް އަރަ އެވެ. އިރުކޮޅަކުން އަނެއްކާ ހައިވޭ އަށް ނުކުމެ މަގުން ދަތުރުކުރި ވެހިކަލެއްގައި ޖެހި އެހެން ވެހިކަލްތައް ބޮޑު ނުރައްކަލަކަށް ހުށަހެޅުނެވެ.
މި މަންޒަރު ފެނިފައި ހެރީ ޓެމާމަންސް ކިޔާ މީހަކު އެ ކާރު މަތަކުރުވާ ތަން ވެސް ވީޑިއޯގައި ފެނެ އެވެ. ފަހުން ސޯޝަލް މީޑިއާގައި ޓެމާމަންސްގެ ނަމުގައި ޓުވީޓްކުރި މީހަކު ބުނެފައިވާ ގޮތުގައި ކާރުގައި ހޭނެތިފައި އިން އަންހެންމީހާ ހޭނެތުނު ގޮތެއް ނޭނގެ އެވެ. ނަމަވެސް އެމީހާގެ މައި އަރިކަށީގެ ފަސް ބަދައެއް ބިނދިފައިވާ ކަމަށާއި އޭނާއަށް އޮތީ ވަރަށް ބޮޑަށް ހޮޑުލެވިފައި ކަމަށް އެ ޓުވީޓްގައި ބުނެފައި ވެއެވެ.
ކޮންޓްރޯލުން ނެއްޓިފައިވާ ކާރުގެ ކުރިމައްޗަށް އޭނާގެ ކާރު އަރުވައި އެ ކާރު މަތަ ނުކުރުވިނަމަ ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގައި އެތައް ބައެއްގެ ފުރާނަ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަމިއްލަ ފުރާނައަށް އަދި ކާރަށް ވެދާނެ ގެއްލުމަކާ ނުބަލައި ޓެމާމަންސް ވަނީ ކާރު ދުއްވަން އިން މީހާގެ ފުރާނަ ސަލާމަތްކޮށްދޭން އިސް ނަގާފަ އެވެ.