ނިމިގެން ދިޔަ ސަރުކާރުން ހުޅުމާލޭގައި ހިންގި ބޯހިޔާ ވަހިކަމުގެ ޕްރޮޖެކްޓުގެ ދަށުން އެޅި ހިޔާ ފްލެޓްތަކުގެ ޓަވަރުތައް ތަޅާލުމުގެ ވިސްނުން ގެންގުޅުއްވި ކަަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ޝިޔާމް ވިދާޅުވީ ހިޔާ ފްލެޓަކަށް މީހުން ވަންނަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން ކުށުގެ ވެއްޓަކަށް ވެގެން ހިނގައްޖެ ކަމަށާއި އަދި އެތަން ބެލެހެއްޓުމުގެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި ވަޒީރަށް އަމާޒު ކުރައްވާ އެދި ވަޑައިގަތީ އެ ކަންކަމާ ޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކޮށް ދެއްވުމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ދެވަނަ ފޭސްގައި ޖެހިޖެހިގެން 7000 ފްލެޓްތައް އަޅައި އެހާ ގިނަ ބަޔަކު އެއްތަނަކަށް ޖަމާކު ރުމަކީ މިިދިޔަ ސަރުކާރުން ހެދި ގޯހެއް ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އެ މަސައްކަތް އޮތީ ފަށައި ނުހުއްޓޭ ހިސާބަށް ކުރިއަށް ގޮސްފައި ކަމަށާއި އެެހެންވެ އެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަން ޖެހުނީ ކަމަަށެވެ.
"[ސަރުކާރުން] ވިސްނިން ތަޅާލަން ވެސް. އަޅުގަނޑު އެކަނި ނިންމާ ނިންމުމެއް ނަމަ އެތަން ތަޅާލީމުސް. އޭރު ވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮއްޓެކޭ. އެ ވާހަކަ ދައްކަން ފެށީމަ އަޅުގަނޑާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވި! ތި ހެވޭ ކޮތަރު ކޮއްޓެއް ވިޔަސް ތިމަންނަމެންނަށް ދޭށޭ ތިތަން! މިހާރު އެތަން އެހެރީ ދީފަ! ދިނީމަ ދިމާވާ މައްސަލައިގެ ވާހަކަ ތި ދައްކަވަނީ ތި ތަނުގަ ޑްރަގުގެ މައްސަލައާ. އެހާ ކުޑަކުޑަތަނަކަށް އެހާ ގިނަ މީހުން އެއްކޮށްލީމަ ވާނެގޮތުގެ ވާހަކަ ތި ދައްކަވަނީ!" މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކަކީ ގޯސް ނިންމުމަކުން ވުޖޫދަށް އައި ފްލެޓްތަކެއް ކަމަށާއި އެއަށް ދެން ހެދޭނެ މާ ބޮޑު ގޮތްތަކެއް ނެތް ކަމަށެވެ. އަދި ފުލުހުން ލައިގެން އެތަން ބަލަހައްޓަައި ކުށްކުރާ މީހުން ހޯދުން ނޫން ގޮތެއް ނެތް ކަމަށެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފައިވާ އިރު އެތަނުގައި 100 އަށް ވުރެ ގިނަ އާއިލާ މިހާރު ދިރި އުޅެއެވެ.