މި ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ގެދޮރު ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދިނުމަކީ މާލޭގައި އުޅޭ ރަށްރަށުގެ މީހުންނަށް ބޭ އިންސާފަކަށް ނުވާނެ ކަމަަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އާދަމް ޝަރީފް އެއްސެވީ ޕްލޭނިން މިނިސްޓްރީން މިހާރުު އެކުލަވާލައިފައި އޮތް ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ރަށްރަށުގެ މީހުންނަށް ކުރިމަތިލެވޭނެ ގޮތެއް ނެތް ކަަމަށާއި މާލޭގައި ރަޖިސްޓްރީ އޮތް ނަމަވެސް ކުރިމަތިލެވޭނީ 15 އަހަރު މާލޭގައި އުޅުމުން ކަމަށާއި އެކަމަށް ހައްލެއް ހޯދިދާނެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި އަސްލަމް ވިދާޅުވީ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް އޮތް ފުރުުސަތު ކުޑަކަަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތު ކުޑަވުމަކީ މިވަގުތަށް ބޭ އިންސާފެއް ކަަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށެވެ.
އޭގެ ސަަަބަބެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ ޒަމާނުއްސުރެ ދިވެހީންގެ އާދަކާދަތައް ހިނގަމުން އައި ގޮތެެވެ. އެގޮތުން ޒަމާނުއްސުރެ އަަޅުގަނޑުމެންގެ ދިރިއުުޅުމުގައި ގޯތި ގެދޮރުގެ ކަންތައްހަމަޖައްސަނީ އެމީހަކު ދިރިއުޅޭ ތަނެއްގައި ކަަމަށެވެ. އަދި އެހެން ރަށްރަށުގައި ވެސް އެކަން ހުރީ އެގޮތަށް ކަމަށެވެ.
"އެ އާދަކާދައިގައި ތެރޭގައި ދިރިއުޅެމުން އަންނަ ބައެއްގެ ތެރޭގައި އަޅުގަނޑުމެން މި މާލޭގައި އެބައޮތް 5000 އާއިލާ މާލެއަށް ނިސްބަތްވާ.ރާއްޖޭގެ އެހެންތަނެއްގައި އެ މީހުންގެ ވާރުތަކުރާނެ ތަންކޮޅެއް ވެސް ނެތް. އެހެންވީމާ އެ މީހުންނަށް މި ކަމުގައި އިސްކަމެއް ދިނުމަކީ އަޅުގަނޑު ދެކޭގޮތުގައި ބޭ އިންސާފެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް އެކަނިވެރި މަންމައިންނާއި ބަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި 18 އަހަރުވުމުން މީހަކާ އިނުމުން ވެސް ގެދޮރުވެރިކަމުގައި އިސްކަންދޭ ކަމަށާއި އެހެންކަމުން މާލޭގެ ރައްޔިތުންނަށް އިސްކަންދިނުން ގާނޫނު އަސާސީއާ ހިލާފުވާނެ ތަނެއް ނެތް ކަމަށެވެ.
"އެހެންވީމާ އިސްކަމެއް ދެވިފައިވޭ މާލޭގެ ރައްޔިތުންނަށް މިއަދުގެ ހާލަތުގައި. ކޮންމެވެސް ހިސާބަކުން މި ހަމަހަމަކަން އައިމަ އަޅުގަނޑު ގަބޫލުކުރަނީ ހަމަހަމަ ފުރުސަތެއް އެކަމުގެ ތެރޭގައި އޮންނާނެޔޭ." މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މާލޭ ރައްޔިތުންނަށް ގޯތި ދޭން ފަޅެއް ހިއްކަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.