އުމަރު ނަސީރު

ނަޝީދުގެ އޮޕަރޭޝަނާ ގުޅޭ ދެވަނަ ލަފަޔެއް ހޯދާނެ: އުމަރު

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައި ބަދައިގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ދެވަނަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ނިންމާފައިވާ ކަން ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ހާމަ ކުރައްވައިފި އެވެ.

އުމަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑޮކްޓަރުން ލަފާދީފައި ވަނީ، "އެލް 4-5 މައިކްރޯ ޑިސެކްޓަމީ" އޮޕަރޭޝަނެއް ކުރުމަށް ކަމަށާއި އެ އޮޕަރޭޝަނަކީ ރާއްޖޭގައި ކުރާ އޮޕަރޭޝަނެއް ކަމަށެވެ. މައިކްރޯ ޑިސެކްޓަމީ އަކީ މައިބަދަޔާ ދިމާލުންކުޑަ ލޯވަޅެއް ތޮރުފައިގެން ބަދަޔަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ.

އުމަރު އަދި ވިދާޅުވީ މިހާރު ބެއްލެވި ޑޮކްޓަރު އެ އޮޕަރޭޝަން ރާއްޖެއިން ކުރެވޭނެ ކަމަށް ބުނި ނަމަވެސް، އެކަމުގައި އަދި ދެވަނަ ޑޮކްޓަރެއްގެ ލަފާ ކަރެކްޝަންސް އިން ހޯދާނެ ކަމަށެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވެސް މިއަދު "އަވަސް" އަށް ވިދާޅުވީ ނަޝީދު ކުރަން ޖެހޭ އޮޕަރޭޝަން ރާއްޖެއިން ވެސް ކުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރުންގެ ލަފަޔެއް އަދި ނެތް ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ އޮަޕަރޭޝަނަށް ނަޝީދު ރާއްޖެއިން ބޭރަށް ދިޔުމަށް މެޑުކަލް ބޯޑުން ހުއްދަ ދޭނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ނަޝީދު ރާއްޖެއިން ބޭރަށް ދިޔުމަށް އެދިފައި ވާތީ މައްސަލަ މެޑިކަލް ބޯޑަށް ގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު ވަކީލުން ވިދާޅުވަނީ އެދި ދުވަސްވަރު ޖަލުގައި ނަޝީދަށް ލިބުނު އަނިޔާތަކުގެ ސަަބަބުން އެމަނިކުފާނުގެ މައިބަދަޔާ ގުޅިފައިވާ ނާރެއް ފިތެމުން އަންނަ ކަމަށެވެ. އަދި މައި ބަދަ އޮޕަރޭޝަން ކުރުމަށް "މައިކްރޯ ޑިސެކްޓަމީ" އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ވަކީލުން ވެސް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.