އަނާރާ ނައީމް

ހިޔާ މަޝްރޫއަކީ ޝުކުރު ހައްގު މަސައްކަތެއް: އަނާރާ

ހިޔާ ފްލެޓްތައް އަޅައިދިނުން އެއީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ޝުކުރު ހައްގު މަސަައްކަތެއް ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މި ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ކުރީން ހަރަކާތްތެރިވި ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ ނިމިގެން ދިޔަ ސަރުކާރުން ހުޅުމާލޭގައި ހިންގި ބޯހިޔާ ވަހިކަމުގެ ޕްރޮޖެކްޓުގެ ދަށުން އެޅި ހިޔާ ފްލެޓްތަކުގެ ޓަވަރުތައް ތަޅާލުމުގެ ވިސްނުން ގެންގުޅުއްވި ކަަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ވިދާޅުވުމާއި ގުޅިގެން އޭނާއާ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އަސްލަމްގެ ވާހަކަތައް ނުސީދާކޮށް ދެއްވި ރައްދެއްގެ ގޮތުގައި އަނާރާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހިޔާ ފްލެޓްތައް އަޅައިދިނުން އެއީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ޝުކުރު ހައްގު މަސަައްކަތެއް ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާ ފްލެޓްތައް އަޅައިދިނުން އެއީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ޝުކުރު ހައްގު މަސަައްކަތެއް. ޝުކުރިއްޔާ
ޑރ. އަނާރާ ނައީމް | މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޝިޔާމް ވިދާޅުވީ ހިޔާ ފްލެޓަކަށް މީހުން ވަންނަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން ކުށުގެ ވެއްޓަކަށް ވެގެން ހިނގައްޖެ ކަމަށާއި އަދި އެތަން ބެލެހެއްޓުމުގެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި ވަޒީރަށް އަމާޒު ކުރައްވާ އެދި ވަޑައިގަތީ އެ ކަންކަމާ ޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކޮށް ދެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ދެވަނަ ފޭސްގައި ޖެހިޖެހިގެން 7000 ފްލެޓްތައް އަޅައި އެހާ ގިނަ ބަޔަކު އެއްތަނަކަށް ޖަމާކު ރުމަކީ މިިދިޔަ ސަރުކާރުން ހެދި ގޯހެއް ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އެ މަސައްކަތް އޮތީ ފަށައި ނުހުއްޓޭ ހިސާބަށް ކުރިއަށް ގޮސްފައި ކަމަށާއި އެެހެންވެ އެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަން ޖެހުނީ ކަމަަށެވެ.

"[ސަރުކާރުން] ވިސްނިން ތަޅާލަން ވެސް. އަޅުގަނޑު އެކަނި ނިންމާ ނިންމުމެއް ނަމަ އެތަން ތަޅާލީމުސް. އޭރު ވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮއްޓެކޭ. އެ ވާހަކަ ދައްކަން ފެށީމަ އަޅުގަނޑާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވި! ތި ހެވޭ ކޮތަރު ކޮއްޓެއް ވިޔަސް ތިމަންނަމެންނަށް ދޭށޭ ތިތަން! މިހާރު އެތަން އެހެރީ ދީފަ! ދިނީމަ ދިމާވާ މައްސަލައިގެ ވާހަކަ ތި ދައްކަވަނީ ތި ތަނުގަ ޑްރަގުގެ މައްސަލައާ. އެހާ ކުޑަކުޑަތަނަކަށް އެހާ ގިނަ މީހުން އެއްކޮށްލީމަ ވާނެގޮތުގެ ވާހަކަ ތި ދައްކަވަނީ!" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކަކީ ގޯސް ނިންމުމަކުން ވުޖޫދަށް އައި ފްލެޓްތަކެއް ކަމަށާއި އެއަށް ދެން ހެދޭނެ މާ ބޮޑު ގޮތްތަކެއް ނެތް ކަމަށެވެ. އަދި ފުލުހުން ލައިގެން އެތަން ބަލަހައްޓަައި ކުށްކުރާ މީހުން ހޯދުން ނޫން ގޮތެއް ނެތް ކަމަށެވެ.

ހިޔާ މަޝްރޫއުން ނުނެއްޓެވި މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި އަދި މި ސަރުކާރުގައިވެސް މިނިސްޓަރެއްގެ ގޮތުގައި ހުންނަވާ އަސްލަމަށް އެއްވެސް ނަތީޖާއެއް ނުނެރެވޭތީ އޭނާއަށް އަބަދުވެސް ފާޑުކިޔުން އޮވެއެވެ.