އެޗްޑީސީ

ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް ހިންގާނެ ފަރާތެއް ހޯދަނީ

Nov 24, 2021

ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނުގައި ބުނެފައިވަނީ ޕާކިން ބިލްޑިންއެއް ތަރައްގީކޮށް ހިންގަން ބޭނުންވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ.

ޕާކިން ބިލްޑިން ހެދުމަށް 36،000 އަކަފޫޓުގެ ބިމެއް 25 އަހަރަށް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

އެޗްޑީސީން ބުނީ ކުލި ކަނޑައަޅާނީ އިންފްލޭޝަނާއި އެފަދަ ބައެއް ކަންކަމަށް ބަލައިގެން އެކުލަވާފާއިވާ ފޯމިއުލާއެއްގެ ތެރެއިން ކަމަށެވެ. އެކަމަކު ބިމު ކުލި ނެގުމަށް ހަމަޖެހިފައިވާ އާންމު ރޭޓަކީ ފުރަތަމަ ފަސް އަހަރަށް އަކަފޫޓަކަށް ފަސް ރުފިޔާ އެވެ.

ޕާކިން ބިލްޑިން ހަދާ ފަރާތަކަށް އެ އިމާރާތެއްގެ ދެ ފަންގިފިލާގައި ހުއްދަ އޮތް ވިޔަފާރިއެއް ކުރެވިދާނެ އެވެ. އެކަމަކު ދެން ހުރި ފަންގިފިލާތައް ހާއްސަކުރަންޖެހެނީ އެއްގަމު އުޅަނދު ޕާކު ކުރުމަށެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 3:30ގެ ކުރިން އީއޯއައި ހުށަހަޅަންޖެހެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕާކިން ސިސްޓަމްތަކެއް ވަނީ ހަދާފަ އެވެ. ނަމަވެސް އެ ސިސްޓަމްތައް އެއްވެސް ވަރަކަށް ބޭނުން ނުކުރާތީ ސިސްޓަމްތައް މިހާރު ހުރީ ވެސް ހަލާކުވެފަ އެވެ.

މާލެއާއި ހުޅުމާލެއާއި ދެމެދު ބްރިޖު އެޅިފަހުން ހުޅުމާލޭގައި ދުއްވާ އެއްގަމު އުޅަނދުގެ އަދަދު އިތުރުވެ އެތަނުގައި ހިނގަމުންދާ އެކްސިޑެންޓްތައް ވެސް ދަނީ އިތުރުވަމުންނެވެ.