ކޮންމެ ގައުމެއްގައި ވެސް ގާނޫނާއި ގަވާއިދުތައް ހަދަނީ އެ ގައުމެއްގެ ކަންކަން އޮމާން ކަމާއި އަމާންކޮށް ގެންދިއުމުގެ ބޭނުމުގަ އެވެ. އެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނުތައް ފާސް ކުރަނީ އެ ގައުމެއްގެ އޭރު ހާލަތާއި އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް ރިއާޔަތް ކޮށްފަ އެވެ. އެގޮތުން ވަރަށް ޝައުގުވެރި، މަޖާ ގާނޫނުތައް ވެސް ބައެއް ގައުމުތަކުން ފާސްކޮށްފައި ހުރެ އެވެ.
މީގެ އެއް މިސާލަކީ ޕެސިފިކް އޯޝަންގެ ޕޮލިނީޝިއަން އޭރިޔާގައި އޮންނަ ސަމޯއާ ކިޔާ ގައުމެއްގައި ހަދާފައިވާ ގާނޫނެކެވެ. މި ގާނޫނު ބުނާ ގޮތުން އަނބިމީހާގެ އުފަން ދުވަސް ހަނދާން ނެތުމަކީ ގާނޫނީ ކުށެކެވެ. އަދި މި ކުށް ކުރާ މީހުންނަށް ޖަލަށް ލެވިދާނެ އެވެ.
ސަމޯއާގެ ގާނޫނުތައް ބުނާ ގޮތުގައި ފިރިމީހާ އޭނާގެ އަނބިމިހާގެ އުފަން ދުވަސް ހަނދާން ނެތިއްޖެނަމަ އެ ކުރެވުނީ ޖިނާއީ ކުށެކެވެ. އޭނާގެ އަންހެނުން ފުލުހުންނަށް މިކަމުގެ ޝަކުވާ ހުށަހަޅައިފިނަމަ ފިރިމީހާއަށް ޖަލަށް ދާން ޖެހޭނެ އެވެ. އަދި ފުލުހުން ތަހުގީގުގައި ކުރާ ހަރުކަށި ސުވާލުތަކަށް ޖަވާބުދާރީ ވާން ވެސް ޖެހޭނެ އެވެ.
ނަމަވެސް މިކުށުގައި ޖަލަށް ލުމަކީ އެހާ ބިރުގަންނަން ޖެހޭ ގޮތަކަށް އޮންނަ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ފިރިހެންމީހާއަށް އެ ކުރެވުނު ކުށް އިސްލާހުކުރަން ކުރާ ކަމެކެވެ.
އަނބިމީހާގެ އުފަން ދުވަސް ފުރަތަމަ ފަހަރަށް ހަނދާން ނެތިއްޖެނަމަ ފުލުހުން އޭނާ ގެންގޮސް އެފަދަ ކަމެއް ދެން ތަކުރާރު ނުކުރުމަށް ބުނެ އިންޒާރު ދޭނެ އެވެ. ނަމަވެސް ދެ ވަނަ ފަހަރަކަށް ހަނދާން ނެތިއްޖެނަމަ އެދެން ކަމާ ޖެހުނީ އެވެ. އޭނާއަށް ޖެހޭނީ ޖަލަށް ދާށެވެ.
އެހެންކަމުން ސަމޯއާގެ ފިރިހެނުންނަށް އޮންނަ ހަމައެކަނި ގޮތަކީ އެމީހުންގެ އަނބިން ހިތްހަމަޖައްސާފައި ބޭތިއްބުމެވެ. އޭރުން ބައެއް ފަހަރަށް އުފަން ދުވަސް ހަނދާން ނެތުނަސް އެމީހުން ދުވެފައި ފުލުހުންނަށް ޝަކުވާ ހުށަހަޅާކަށް ނުދާނެ އެވެ. އެންމެ ރަނގަޅު ގޮތަކަށް މި ގައުމުގެ ފިރިހެން ވެރިންނަށް އޮންނަނީ އަންހެނުންގެ އުފަން ދުވަސް ރަނގަޅަށް ހަނދާނުގައި ބަހައްޓައި އެ ދުވަހު ރަނގަޅު ހަދިޔާއަކާއި ރޭގަނޑު ކެއުމެއް ވެސް އަންހެނުންނަށް ދިނުމެވެ.