އަބްދުﷲ ޖާބިރު

މަޖިލީހުގައި "ހުތާ" ބަދަލުވީ "ކުއްތާ" އަށް

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި ބަހެއްގެ މާނަ ފުރޮޅުނު މައްސަލައެއް އޭނާ މިއަދު ފާހަގަ ކުރެއްވުމުން އެކަން ރަނގަޅު ކޮށް މަޖިލީހުގެ ޔައުމިއްޔާގައި ހިމަނައިފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ މުހާތަބު ކުރެއްވި އިރު އޭނާއަށް ނިސްބަތް ކުރައްވާ ޖާބިރު ހުވަދޫ ބަހުން "ހުތާ" އޭ ވިދާޅުވުމުން ބައެއް އާންމު މީހުނާއި އަދި ބައެއް މެންބަރުންނަށް ޖާބިރު "ކުއްތާ" އޭ ވިދާޅުވީ ކަމަށް ހީވި އެވެ. އަދި އިއްޔެގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެކަން ރިޔާސަތުގެ ސަމާލު ކަމަށް ގެންގޮސްފަ އެވެ.

"މަޖިލީހުގެ ގަވައިދާ ހިލާފަށް އިއްޒަތްތެރި މެންބަރަކު ކެބިނެޓުގެ ވަޒީރަކާ ކުއްތާއަށް ގޮވައިފަ، މިތަނުގައި ވާހަކަ ދެއްކެވީމާ އިއްޒަތްތެރި ރައީސްގެ ސަމާލުކަމަށް އެކަން ގެނައީ، މަޖިލިސް ގަވައިދުގައި އެގޮތަށް މުހާތަބު ނުކުރެވޭ،" ޝަހީމް އިއްޔެ ވިދާޅުވިއެވެ.

އޭގެ ފަހުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވާހަކަފުޅު ދައްކަވަނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައި ޖާބިރު ވަނީ އޭނާ އިއްޔެ ބޭނުން ކުރެއްވި ބަހެއްގެ މާނަ ފުރޮޅައިލި މައްސަލަ ފާހަފަ ކުރައްވާފަ އެވެ.

ޖާބިރު ވިދާޅުވީ އިއްޔެގެ ޖަލްސާގައި އޭނާ ހުވަދޫ ބަހުން "ހުތާ" އޭ ވިދާޅުވުމުން ގިނަ ބަޔަކު އެ ލަފުޒުގެ މާނަ އޮޅުވާލައި އެއީ "ކުއްތާ" ކަމަށް ހަދައި އެކަން މީޑިއާގައި ރިޕޯޓް ކުރި ކަމަށެވެ.

ޖާބިރު ވިދާޅުވީ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަން ވަކި ބަހެއް ނުވަތަ ބަހުރުވައެއް ކަނޑައެޅިފައި ނޯންނަ ކަމަށާއި ހުވަދޫ ބަސް ބައެއް މެންބަރުންނާއި އާންމުންނަށް ނޭނގުނު ނަމަވެސް އޭނާ މަޖިލީހުގައި ވިދާޅުވި ބަހެއްގެ މާނަ އޮޅުވައިލުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ޖާބިރުގެ ނިޒާމީ ނުކުތާ ބަލައިގެންނެވުމަށް ފަހު ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖާބިރު ވިދާޅުވި ބަސް މެމްބަރުންނަށް އޮޅި ވަޑައިގެންފައިވާ ކަމަށެވެ.

"ސިންގަޅަ ބަހުން ޕުތާ ހުވަދޫ ބަހުން، ހާ އަށް ބަދަލުވެ [ހުތާ] އަށް ވެފައި ވަނީ. ޔައުމިއްޔާގައި ވެސް އިރާދަ ކުރެއްވިއްޔާ މެމްބަރު [ޖާބިރު] އެ ބާވަތުގެ މޭރުމަކުން ވަޒީރު ބޭފުޅަކާ މުއާމަލާތްކޮށް ވާހަކަ ނުދައްކަވާނެކަން އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭނެ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ހުވަދޫ ބަހުން ހުތާގެ އަކީ ފިރިހެން ދަރިފުޅަށް ލޯބިން ބޭނުން ކުރާ ނަމަކެވެ.