ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވުރު -- ނެޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެންއެސްޑީސީ) އިފްތިތާހު ކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓްރެޓެޖީ އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
އެންއެސްޑީސީގެ ދަށުން 2030 ވަނަ އަހަރަށް ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރ އޮންނާނެ ގޮތުގެ ތަފާސްހިސާބުގެ މަގު ޗާޓެއް އެކުލަވާލުމަށް ހަމަޖެހިފައިވެ އެވެ.
މި ނިޒާމުގައި ތަފާސްހިސާބާ ގުޅޭ މަސައްކަތްތައް ކުރާ ދައުލަތުގެ 17 އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތަކާއި އެ މަސައްކަތްތައް ނިންމަންޖެހޭ ތާރީހުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމު ތަރައްގީކުރުމުގެ ޕްލޭންގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ފަގީރުކަން ނައްތާލުމާއި ކާރިސާއަށް ފަހު އިގްތިސާދީ ގޮތުން އަރައިގަތުމަށް މަސައްކަތް ކުރުން ފަދަ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ފެންވަރު ރަނގަޅު މައުލޫމާތު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެކުލަވާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވުރު އެކުލަވާލީ ކަމާ ގުޅޭ އިދާރާތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. ތަސައްވުރުގައި ހިމެނޭ ކަންކަން ތަންފީޒު ކުރެވިގެންދާއިރު ތަފާސްހިސާބުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ވަރަށް ގިނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.
"އެ މަސައްކަތްތަކަށް އެމްބީއެސް އަށް ބަޖެޓުވެސް ވަނީ ލިބިފައި. މީގެކުރިން ދުވަހަކު ވެސް މިދާއިރާ އަށް ކަނޑައަޅާފައި ނުވާވަރުގެ ބަޖެޓެއް ސަރުކާރުން ކަނޑައަޅާފައިވާ ކަން އަޅުގަނޑު ވެސް ވަނީ ލިބިފައި،" އައިޝަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު އަންނަ އަހަރަކީ އިންގިލާބީ އަހަރަކަށް ވާނެ ކަމަށެވެ. އެއީ އަންނަ އަހަރު ރާއްޖޭގެ ބޯހިމެނުން ކުރިއަށް ގެންދިއުމާއި އެކަމުގެ ތެރެއިން އިގްތިސާދީ ހަރަކާތްތަކުގެ މައުލޫމާތު ވެސް އެއްކުރާތީ ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތުތަކެއް ލިބޭނެތީ ކަމުގައި ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މަސައްކަތް ކުރާ ގޮތަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވުރު އެކުލަވާލުމަށް ފަންޑްކޮށްފައިވަނީ ޕެރިސް 21ގެ ފަރާތުންނެވެ. މިކަމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ އެމްބީއެސްގެ ކޮންސަލްޓެންޓް މާގެރީޓާ ވޮރީރޯ އެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވުރު އެކުލަވާލާފައި މިވަނީ މިއަހަރުގެ ޖުލައި 20 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުންނެވެ.