ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ ޖެނުއަރީ މަހު ދަށަށް ހިނގައްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން އެ މަހު އަގުތައް ވަނީ 0.17 ޕަސަންޓް ދަށްވެފަ އެވެ.
ކަނޑުމަސް ނުހިމަނައި ޖެނުއަރީ މަހު އަގުތައް ވަނީ 0.18 ޕަސަންޓް ދަށްވެފަ އެވެ.
ކަރަންޓުގެ އަގު މިދިޔަ މަހު 1.75 ޕަސަންޓް ދަށްވެފައިވާއިރު ގޭގައި އާންމުކޮށް ބޭނުންކުރާ ސާމާނުގެ އަގުތައް ވަނީ 2.74 ޕަސަންޓް ދަށްވެފަ އެވެ.
މޭވާގެ އަގުތައް 1.25 ޕަސަންޓް ދަށްވެފައިވާއިރު ތަރުކާރީގެ އަގުތައްވެސް ވަނީ 1.25 ޕަސަންޓް ދަށްވެފަ އެވެ.
މޯބައިލް ހިދުމަތުގެ އަގުތައް މިދިޔަ މަހު 0.94 ޕަސަންޓް ދަށްވެފައިވާއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 1.31 ޕަސަންޓް އަދި އަންނައުނުގެ އަގުތައް 0.62 ޕަސަންޓް ދަށަށް ގޮސްފައިވެ އެވެ.
އަގުބޮޑުވި ބާވަތްތަކުގެ ތެރޭގައި ކިރާއި ބިހުގެ ބާވަތްތައް ހިމެނެ އެވެ.
އެ ގޮތުން ކިރާއި ބިހުގެ އަގު މިދިޔަ މަހު ވަނީ 0.77 ޕަސަންޓް އުފުލިފަ އެވެ. މީގެ އިތުރުން އެއްގަމު މަހުގެ އަގު 0.93 ޕަސަންޓް މިދިޔަ މަހު ވަނީ ބޮޑުވެފަ އެވެ.