އިންފްލޭޝަން

ޑިސެމްބަރު މަހު އަގުތައް މައްޗަށް

ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މައްޗަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ޑިސެމްބަރު މަހު އަގުތައް ވަނީ 0.39 ޕަސަންޓް އުފުލިފަ އެވެ. އަދި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ ޑިސެމްބަރު މަހު އަގުތައް 2.02 ޕަސަންޓް ވަނީ ބޮޑުވެފަ އެވެ.

އަގުތައް އެންމެ ބޮޑަށް އުފުލުނީ ތަރުކާރީގެ ބާވަތްތަކުންނެވެ. ތަރުކާރީގެ އަގުތައް 7.75 ޕަސަންޓް އުފުލުނެވެ.

އެއްގަމު މަހުގެ އަގުތައް 1.69 ޕަސަންޓް މައްޗަށް ދިޔައިރު ކަނޑުމަހުގެ އަގުތައް 1.51 ޕަސަންޓް ބޮޑުވި އެވެ.

ކިރާއި ބިހުގެ އަގުތައް 1.42 ޕަސަންޓް ބޮޑުވިއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 0.81 ޕަސަންޓް އަދި ކަރަންޓުގެ އަގުތައް 0.80 ޕަސަންޓް މައްޗަށް ދިޔަ އެވެ.

މޭވާގެ އިތުރުން މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގާއި ސައިކަލުގެ އަގުތައް މިދިޔަ ޑިސެމްބަރު މަހު ވަނީ ދަށަށް ގޮސްފަ އެވެ.

މޭވާގެ އަގުތައް 0.95 ޕަސަންޓް ދަށަށް ދިޔައިރު ސައިކަލުގެ އަގުތައް 0.42 ޕަސަންޓް އަދި މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގުތައް 0.34 ޕަސަންޓް ދަށަށް ދިޔަ ކަމަށް އެމްބީއެސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.