އިންފްލޭޝަން

އޮކްޓޫބަރު މަހު އަގުތައް ދަށަށް

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު 0.08 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން ކަނޑުމަސް ނުހިމަނައި އޮކްޓޫބަރު މަހު އަގުތައް ވަނީ 0.07 ޕަސަންޓް ދަށްވެފަ އެވެ.

މޭވާގެ އަގުތައް މިއަހަރުގެ އޮކްޓޫބަރު މަހު 1.80 ޕަސަންޓް ވަނީ ދަށަށް ގޮސްފަ އެވެ.

ކަރަންޓުގެ އަގުތައް 0.95 ޕަސަންޓް ދަށަށް ގޮސްފައިވާއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 2.06 ޕަސަންޓް ދަށަށް ގޮސްފައިވެ އެވެ.

މީގެ އިތުރުން އެއްގަމު މަހުގެ އަގުތައް 1.81 ޕަސަންޓް ވަނީ ދަށްވެފަ އެވެ.

ތަރުކާރީގެ އަގުތައް އޮކްޓޫބަރު މަހު 2.46 ޕަސަންޓް އުފުލުނުއިރު އަންނައުނާއި ބޫޓު އަދި ފައިވާނުގެ އަގުތައް 0.13 ޕަސަންޓް ވަނީ އުފުލިފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުތައް ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު 0.08 ޕަސަންޓް ދަށްވި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު އަގުތައް ވަނީ 2.64 ޕަސަންޓް އުފުލިފަ އެވެ.