ފެމިލީ ކޯޓް

ފެމެލީ ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކޮށްފި

ފެމިލީ ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކޮށްފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އއ. ފެރިދޫ ނަޝީދީހިޔާ، ޒައީމާ ނަޝީދު އަބޫބަކުރާއި މމ. ވިލުފުށިގޭ މައީޝާ ޔޫސުފް ސަމީރު އައްޔަން ކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޒައީމާއަކީ ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާ އެވެ. ޒައީމާ ވަނީ އެ މަގާމު ނުވަ އަހަރު ފުރުއްވާފަ އެވެ. ޒައީމާއަކީ ޝަރީއަތާއި ގާނޫނުން ބެޗްލާ ޑިގްރީ އާއި މާސްޓާ އޮފް ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މައީޝާ މީގެ ކުރިން މަސައްކަތް ކުރައްވަމުން ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގަ އެވެ. އެ މަގާމުގައި ތިން އަހަރު މަސައްކަތް ކުރެއްވި އެވެ. އޭގެ ކުރިން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ. މައީޝާ ވަނީ ލަންޑަންގެ ޔުނިވާސިޓީއަކުން ބެޗެލާސް އޮފް ލޯސް ހާސިލްކުރައްވާފަ އެވެ.

މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.