އަބްދުﷲ ޖާބިރު

އަނދުން ހުސެންގެ ސުލޫކީ މައްސަލައެއް މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި ބަހެއްގެ މާނަ ފުރޮޅާލި މައްސަލައިގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްގެ ސުލޫކީ އަދި އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅައިފި އެވެ.

ޖާބިރު ސޮއި ކުރައްވައި މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ މުހާތަބު ކުރެއްވި އިރު އޭނާއަށް ނިސްބަތް ކުރައްވާ ޖާބިރު ހުވަދޫ ބަހުން ވިދާޅުވި ބަހެއްގެ މާނަ އޮޅުވާލައިފައިވާ ކަމަށެވެ. "ހުތާ" އޭ ވިދާޅުވުމުން އެއީ "ކުއްތާ" އޭ ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި ޝަހީމް ތަކުރާރުކޮށް ޖާބިރު އާއި ފުރައްސާރަ ކުރައްވާފައިވާ ކަމަށް ވެސް އެ ސިޓީގައި ބަޔާން ކުރައްވާފައި ވެއެވެ.

ޖާބިރުގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ތަކުރާރުކޮށް ޝަހީމް ފުރައްސާރަ ކުރައްވަމުން ދާތީ އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް ވެސް ދަތިވަމުންދާ ކަމަށެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޖާބިރު އިތުރަށް އެ ސިޓީގައި ވިދާޅުވެފައި ވަނީ ގާއިމްކުރެވިފައިވާ ނިޒާމުގެ ތެރެއިން ނުފޫޒެއް ނެތި އެ މައްސަލަ ބައްލަވައި ދެއްވުމަށެވެ.

"... ހަވާލާދީފައިވާ ޖަލްސާގައި އިއްޒަތްތެރި ވަޒީރާ މުހާތަބު ކުރުމުގައި އަޅުގަނޑު ބޭނުންކޮށްފައިވާ ލަފުޒަކީ ހުތާ އެވެ. އެއީ އަޅުގަނޑު އަދި އެ އިއްޒަތްތެރި ވަޒީރު ނިސްބަތްވާ ހުވަދު އަތޮޅުގައި ގަދަރުވެރި އަދި ކުލުނުވެރި ލަފްޒެކެވެ." އެ ސިޓީގައި އިތުރަށް ޖާބިރު ފާހަގަ ކުރައްވާފައި ވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވާހަކަފުޅު ދައްކަވަނިކޮށް ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ. ޖާބިރު ވަނީ އޭނާ އިއްޔެ ބޭނުން ކުރެއްވި ބަހެއްގެ މާނަ ފުރޮޅައިލި މައްސަލަ ފާހަގަ ކުރައްވާފަ އެވެ. ޖާބިރު ވިދާޅުވެފައި ވަނީ އިއްޔެގެ ޖަލްސާގައި އޭނާ ހުވަދޫ ބަހުން "ހުތާ" އޭ ވިދާޅުވުމުން ގިނަ ބަޔަކު އެ ލަފުޒުގެ މާނަ އޮޅުވާލައި އެއީ "ކުއްތާ" ކަމަށް ހަދައި އެކަން މީޑިއާގައި ރިޕޯޓް ކުރި ކަމަށެވެ.

މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަން ވަކި ބަހެއް ނުވަތަ ބަހުރުވައެއް ކަނޑައެޅިފައި ނޯންނަ ކަމަށާއި ހުވަދޫ ބަސް ބައެއް މެންބަރުންނާއި އާންމުންނަށް ނޭނގުނު ނަމަވެސް އޭނާ މަޖިލީހުގައި ވިދާޅުވި ބަހެއްގެ މާނަ އޮޅުވައިލުން ބަލައި ނުގަނެވޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވެފައި ވެއެވެ.

ޖާބިރުގެ ނިޒާމީ ނުކުތާ ރައީސް ނަޝީދު ވަނީ ބަލައިގެންފަ އެވެ. އަދި އެ ބަސް މެމްބަރުންނަށް އޮޅިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހުވަދޫ ބަހުން ހުތާގެ އަކީ ފިރިހެން ދަރިފުޅަށް ލޯބިން ބޭނުން ކުރާ ނަމަކެވެ.