ރާއްޖެ ކުޅިވަރު

ނިއުރޭޑިއަންޓަށް އިތުބާރުކުރީ ވިކްޓަރީން ފައިސާދީފައިވާތީވެ: ސައީދު

ޕްރެޒިޑެންޓްސް ކަޕުގައި ކުޅެން ނިއުރޭޑިއަންޓް އައްޑޫ އަށް ދިއުމުން އެޓީމުގެ އެކޮމޮޑޭޝަނާއި ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސައިދިނީ، ނިއު އަށްވުރެ ކުރިން އޭނާގެ ގޭގައި ތިބި ވިކްޓަރީ ސްޕޯޓްސް ކުލަބުން އޭނާ އަށް ދޭންފައިސާ ދީފައިވާތީ ކަމަށް ހިތަދޫ އަހުމަދު ސައީދު (ސޮޑާ) ބުނެފި އެވެ.

އޭނާ މިހެން ބުނީ ނިއުއިން އޭނާ އަށް ދޭންޖެހޭ ފައިސާގެ ތެރެއިން 79000 ރ. ނުލިބިގެން އެ ޓީމުގެ ފުޓްބޯޅަ ޑިރެކްޓަރު އަންވަރު އަލީ ގޮވައިގެން ކޯޓަށް ދާން ނިންމުމަށްފަހު އެވެ.

ސައީދު ރޭ އަވަސް އަށް ގުޅައި ވާހަކަ ދައްކަމުން ބުނީ އޭނާގެ ގެ ކަމަށްވާ ހިތަދޫ ސްކައިގައި އެންމެ ފުރަތަމަ ތިބި ވިކްޓަރީގެ ފަރާތުން ފައިސާގެ މައްސަލަޖެހިފައިނުވުމުން ނިއު އަށް ވެސް އިތުބާރުކުރީ ކަމަށެވެ. އަދި ނިއު އާއި ވިކްޓަރީ އަށް ވެސް އޭނާ ހިދުމަތްދިނީ އެއްވެސް އެއްބަސްވުމެއްނެތި ކަމަށެވެ.

"އެހެން ހަދަން ޖެހުނީ ވިކްޓަރީން ކަންތައްތައް ކުރިގޮތް ރަނގަޅުވުމުން. އެމީހުން ބަރާބަރަށް ފައިސާދިން. އެހެންވީމާ އެއިތުބާރު ނިއުރޭޑިއަންޓަށް ވެސް ކުރެވުނީ. އެކަމަކު އަޅުގަނޑުވެސް މީސްމީހުން އަތުން ދަރަންޏަށް ފައިސާ ނަގައިގެން މިކަން މިކުރީ. އެހެންވީމާ ފައިސާ ނުލިބި މިހާ ދުވަސްވީމަ ކޯޓަށް ވެސް ދާހިސާބަށް ދިޔައީ. އަޅުގަނޑަށް ނުލިބި އެބައޮތް 79000 ރުފިޔާ،" ސައީދު ބުންޏެވެ.

ހދ. ކުޅުދުއްފުށީގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށްފަހު ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅެން އައްޑު އަށް ދިޔަ ނިއުރޭޑިއަންޓްގެ އެކޮމޮޑޭޝަނާއި ކެއުމާއި ސަޔަށް އެކުލަބުން ސައީދަށް 129200ރ. ދޭން ޖެހެ އެވެ. މީގެ ތެރެއިން މިހާތަނަށް ދީފައިވަނީ 50000ރ. އެވެ.
ސައީދު ބުނީ އަންވަރު ގޮވައިގެން ކޯޓަށް ދާން ނިންމީ ނިއުރޭޑިއަންޓުގެ ފަރާތުން އޭނާއާ ވާހަކަ ދެއްކީ އަންވަރުކަމަށްވުމުން ކަމަށެވެ.

ނަމަވެސް އަންވަރު އިއްޔެ ބުނީ މިކަމުގައި އޭނާގެ ގޮވައިގެން ކޯޓަށް ދާން ނުޖެހޭ ކަމަށާއި ކޯޓަށް ދާންޖެހޭނީ ނިއުރޭޑިއަންޓް ގޮވައިގެން ކަމަށެވެ.

"ސައީދަށް ފައިސާ ދޭން ޖެހޭ. އެއީ ތެދެއް. އެކަމަކު އަޅުގަނޑު ގޮވައިގެންނޫން ކޯޓަށް ދާންޖެހޭނީ. އިއްޔެ ވެސް އެވާހަކަ ސައީދުގާތުގައި ބުނިން. ދާންޖެހޭނީ ކުލަބު ގޮވައިގެން. އެއީ ކުލަބުން ސައީދަށްދިން 50000ރ. ވެސް ދީފައިވަނީ ކުލަބުގެ އޮފިޝަލުން،" އަންވަރު ބުންޏެވެ.
އޭނާ ބުނީ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މާޒިޔާ އަތުން ބަލިވެގެން ޓީމު އެނބުރި މާލެއައިއިރު ސައީދަށް ފައިސާ ނުދެވުނީ ދެ ސަބަބެއް މެދުވެރިވެގެން ކަމަށެވެ. ފުރަތަމަ ކަމަކީ ޕްރެޒިޑެންޓް ކަޕަށް ފަހު އައްޑޫން ނިއުރޭޑިއަންޓް އެނބުރި މާލެ އައިއިރު ކުލަބަށް އެފްއޭއެމުން ފައިސާ ލިބިފައި ނުވުމެވެ.

"ދެން ވީ ގޮތަކީ ފައިސާ ލިބުނީ މާލަހުން. އެހެންވީމާ ކުލަބުގެ ބައެއް ކަންކަމަށް އެ ފައިސާ ހަރަދު ކުރަން ވެސް ޖެހުނީ. ކުޅުންތެރިންގެ ކަންތައްތަކާ އެހެން ކަންކަން ވެސް ހުރި. އެއިރު ވެސް އަޅުގަނޑުވެސް ބުނިން ކުލަބުގައި ވެސް ސައީދު ވަރަށް ރަނގަޅަށް ކަންކަން ކޮށްދިނީމަ އޭނާ އަށް އަޅުގަނޑުމެންގެ ފަރާތުން ކަންތައްތައް މިކޮށްދެވެނީ ރަނގަޅަކަށްނޫނޭ. އެކަމަކު ކުލަބުގެ ހާލަތު ވެސް ރަނގަޅުނުވީމަ މިހެންވާން މިޖެހުނީ،" އަންވަރު ބުންޏެވެ.

އައްޑޫގައި ނިއުރޭޑިއަންޓްގެ އެކޮމޮޑޭޝަން ކަންތައްތައް ސައީދުކޮށްދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ވެސް އަންވަރު ފާހަގަކުރި އެވެ.

"މިހެން މި ބުނަނީ އެޑްވާންސެއް ވެސް ނުނަގާ ނުވެސް ބައިތިއްބާނެތާ!. އެކަމަކު ސައީދު އެޑްވާންސެއްވެސް ނުނަގާ. ވަރަށް ރަނގަޅަށް ކަންކަންކޮށްދިނީ. ދެން ސައީދު ގުޅީމަ ބައެއް ފަހަރު ފޯނު ނުނެގިފައި ވެސް ހުންނާނެ. އެއީ ރާއްޖޭން ބޭރުގައި ހުންނައިރު ކާކުކަން ނޭނގުމުގެ ސަބަބުންނާވެސްއެކު،" އަންވަރު ބުންޏެވެ.