ރައީސް މުހައްމަދު ނަޝީދު

ބޮޑުވާބިއްލޫރިން ބައްލަވަނީ ކޯންޗެއް؟

މިއީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފެނުނު މަންޒަރެެކެވެ؛ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވާ ބިއްލޫރި އަޅުއްވައި އެއްޗެއް ބައްލަވާ މަންޒަރެވެ. އެ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑީއާގައި ވެސް ދައުރުވެ އެވެ. ގިނަ ބަޔަކު ކުރާ ސުވާލަކަށްވީ ރައީސް ބޮޑުވާބިއްލޫރިން ރައީސް ނަޝީދު ބައްލަަވާނީ ކޮންއެއްޗެއް ހެއްޔެވެ؟

ސިޔާސީ ތަފާތު ކަންކަން ކަމާ ގުޅުވާ އެކި މީހުން އެކި ވާހަކަ ޓްވީޓް ކޮށްފައި ވަނިކޮށް މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު އެކަން ސާފު ކޮށްދެއްވުމުގެ ގޮތުން ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ "ރައީސް ނަޝީދު [ބޮޑުވާބިއްލޫރި އަޅުއްވައިގެން] އެ ހޯއްދަވަނީ މުލި- ނާލާ ފުށި ކޯޒްވޭ" ކަމަށެވެ.

ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައި ހަ މަޝްރޫއު ހިންގަން ނިންމާފައިވާ އިރު އެ މަޝްރޫއުގެ ތެރޭގައި މުލި - ނާލާފުށި މަޝްރޫއު ހިމެނެ އެވެ. މި ދެ ރަށް ގުޅާލަން އެއް މިލިއަން ބަޖެޓުގައި ހިމަނާފައި ވެއެވެ.

ރައީސް ނަޝީދު ބޮޑުވާ ބިއްލޫރިން ބެއްލެވީ ރާއްޖޭގެ ޗާޓުން މުލި އަދި ނާލާފުށި އޮންނަ ސަރަހައްދު ކަމަށް ބެލެެވެ އެވެ. ރައީސް ނަޝީދު މިއަދު މަޖިލީހުގައި ރިޔާސަތުން އަންގާ އެންގުން ހުށަަހަޅަމުން ދެއްކެވި ވާހަކަފުޅުން ވެސް އެކަމަށް ބާރު ދެއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަންނަ އަަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ބަހުސްގައި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމަށް މުލި - ނާލާފުށި ކޯޒްވޭއާ ގުޅޭ ގޮތުން އޮޅިގެން ނުބައި މައުލޫމާތެއް ހިމަނައި ވާހަކަ ދެއްކެވިގެން އޭނާގެ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ބަހުސްގައި އެއީ ނާލާ ފުށިން ކޮޅު ފުއްޓަށް އޮންނަންވީ ކޯޒްވޭއެއްގެ ގޮތުގައި [މެމްބަރަަށް] ވިދާޅުވެވުނީ. ހަގީގަތުގައި ވިދާޅުވާން ބޭނުންވެ ވަޑައިގަތީ މުއްޔާއި ނާލާ ފުއްޓާ ދޭތެރޭ. ކޮޅުފުއްޓާ ނާލާ ފުއްޓާ ވެސް އެއީ ފަންސާހަކަށް ކިލޯ މީޓަރު. މުއްޔާ ނާލާ ފުއްޓާ ދޭތެރޭގައި އެއީ އަތް ފޯރާވަރުގެ، ވާވަރުގެ މިންވަރުގެ ކަމެއް. އެހެންވީމާ އަޅުގަނޑަށް ހީވަނީ މެމްބަރު ބައެއް ރަށްރަށުގެ ނަން އެގޮތަށް އޮޅި ވަޑައިގަތް ނަމަވެސް މީގެ އަސްލަށް ބަލާއިރުގައި އެއީ ކުށެއްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ" ސިޓީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ކުށް މަޖިލީހުގެ ޔައުމިއްޔާއިން ވެސް ފެންނަން އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.