ކުޅިވަރާ ބެހޭ މިނިސްޓަރީ އަށްވުރެ ބޮޑަށް ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކޮމިޓީގެ މަސައްކަތަށް ތައުރީފްކޮށްފި އެވެ.
އެސޯސިއޭޝަންތަކުން މި ގޮތަށް ވާހަކަ ދެއްކީ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު ޒުހޫރު އިއްޔެ މެންދުރުފަހު ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގަ އެވެ. މިއީ މި އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވި ފަހުން މިނިސްޓަރު ޒުހޫރު ހުރިހާ އެސޯސިއޭޝަންތަކާއެކު ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ފުޓްބޯޅަ އާއި ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ އާއި އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނާއި ކްރިކެޓް، ސްވިމިން އާއި ޓެނިސް، އަދި ޓޭބަލް ޓެނިސް އާއި ޕޫލްބިލިއާޑާއި ޝޫޓިން، ޗެސް، ބޮޑީބިލްޑިން، ހޭންޑްބޯޅަ، ނެޓްބޯޅަ އަދި ކެރަމް އެސޯސިއޭޝަނުން ބައިވެރިވި ބައްދަލުވުމުގައި މިނިސްޓްރީ ހިތްހެޔޮކޮށްފައިވަނީ ވޮލީ އެސޯސިއޭޝަނުން އެކަންޏެވެ.
އެހެން އެސޯސިއޭޝަންތަކުން ފާހަގަ ކުރީ މިނިސްޓްރީ އާއި އެސޯސިއޭޝަންތަކާ އޮންނަ ގުޅުން ހީނަރުވެފައިވާ ވާހަކަ އެވެ. މި ގޮތުން މިނިސްޓްރީ އަށް ބައެއް އެސޯސިއޭޝަންތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި ޖެއްސުން ކުރުމުގެ ގޮތުން މިނިސްޓަރީގެ ބައެއް އިސްވެރިން (އެބޭފުޅުންނަށް އިޝާރާތްކޮށް) މަސައްކަތް ކުރައްވާ ކަމަށް އެސޯސިއޭޝަންތަކުން ފާހަގަކުރި އެވެ. އަދި މިނިސްޓްރީ އަށް ފޮނުވާ ސިޓީ އެތަނުގެ ވެރިންނަށް ނުފެނިގެން އެތައް ފަހަރަކު ތަކުރާތުކޮށް އަލުން ފޮނުވަންޖެހޭ ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ އަދި ސީރިއަސްކޮށް ބަލައި ފިޔަވަޅު އަޅަންޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ވެސް އެސޯސިއޭޝަންތަކުން ފާހަގަކުރި އެވެ.
މި ގޮތުން އެސޯސިއޭޝަންތަކުން ބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް އަށް މެޑަލް ލިބުނީ އޮލިމްޕިކް ކޮމިޓީގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި އެއިދާރާއިން ކުޅުންތެރިންގެ ކުރިއެރުމަށް ހޯދައިދޭ ސްކޮލާޝިޕްތަކާއި ތަމްރީނު ދަތުރުތަކުގައި ގޮސްއުޅޭއިރު މިނިސްޓަރީގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދީފައިނުވާތީ އާއި މިނިސްޓަރީގެ ނިންމަންޖެހޭ ކަންކަން ގަސްތުގައި ލަސްކޮށްލުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ފަރާތުން ރައީސް މޫސާ ނާޝިދު ވިދާޅުވީ މިނިސްޓަރީ އަށް ފޮނުވާ ގިނަ ސިޓީގެ ޖަވާބު ނުލިބޭ ކަމަށެވެ. އަދި މިނިސްޓްރީން ދޭންޖެހޭ އެންޑޯސްމަންޓް ސިޓީއެއް ނުލިބިގެން ބެޑްމިންޓަނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ރާއްޖޭގެ ނެޓްބޯޅަ ޓީމުގައި 14 ކުޅުންތެރިން ތިބި ނަމަވެސް ސަރުކާރުން މުސާރަދެނީ ކޮންމެ ކުޅިވަރެއްގައި 12 ކުޅުންތެރިންނަށެވެ. އެކަމަކު 12 ކުޅުންތެރިންނަށް ދޭ މުސާރަ 14 ކުޅުންތެރިންނަށް ބަހާލުމަށް ކުޅުންތެރިން އެއްބަސްވުމުން އެކަން އެގޮތަށް ހަމަޖައްސައިދޭން އެދުމުން މިނިސްޓްރީން އެތައް ބަހަނާއެއް ދެއްކިކަން ފާހަގަކޮށްފައިވެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އެއިދާރާގެ އިންތިހާބާ ހަމައަށް މިނިސްޓްރީން އެއްބާރުލުން ލިބުނު ކަމަށާއި އިންތިހާބު ބާއްވަން ޖެހުމުން މިނިސްޓްރީން ކަންކަމުގައި ފެއަށް ޖެހުނު ކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަމަން މުހައްމަދު ޝަވީދު ވިދާޅުވީ އެކަން ގޮތަށް މިނިސްޓްރީން ކޮށްފައިވަނީ އެފްއޭއެމަށް އައުމަށް ބޭނުންވާ ބަޔަކު މިނިސްޓްރީގެ އިސްމަގާމުތަކުގައި ތިއްބެވުމުން ކަމަށެވެ.
ސްވިމިން އެސޯސިއޭޝަނުން ވެސް ވަނީ ކުޅުންތެރިން ފަތާފެންގަނޑެއް ނެތި އެތައް އަހަރެއްވެފައިވާކަން ފާހަގަކޮށްފަ އެވެ. އެތްލެޓިކްސް އާއި ބާސްކެޓުން ވެސް ވަނީ ކުޅިވަރު ކުޅުންތެރިންނަށް ޕްރެކްޓިސް ކުރާނެ އެކަށީހެންވާ މާހައުލެއް ނެތްކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އެސޯސިއޭޝަންތަކަށް ބަޖެޓާއި ސްޓާފުންގެ ދަތިކަން ދިމާވެފައިވާކަން ވެސް ފާހަގަކުރި އެވެ.
ނަމަވެސް މި ވާހަކަތަކަށް މިނިސްޓަރާއި މިނިސްޓްރީން އިސްބޭފުޅުން ދެކޮޅު ހައްދަވަ އެވެ. މިނިސްޓްރީން ބުނީ އެސޯސިއޭޝަންތަކަށް ޖަވާބުދެނީ ހަމަޖެހިފައި އޮންނަ އުސޫލުން ކަމަށާއި އެއްވެސް ޒާތީ ކަމެއް ނުގެންގުޅޭ ކަމަށެވެ.