ދުނިޔެ

ޖަރުމަނުގެ ޗާންސެލަރުގެ މަގާމަށް އޯލަފް ޝޯޒް އައްޔަންކުރަނީ

ޖަރުމަނުން އާ ޗާންސެލަރަކު ކަނޑައަޅަނީ އެވެ. މިމަގާމަށް، ކުރިން ވެސް ހީކުރެވިފއި އޮތް ގޮތަށް، ހަމަޖެހިފައި ވަނީ އޯލަފް ޝޯޒް އެވެ. ސެޕްޓެމްބަރު 26 ގައި ޖަރުމަނުގައި އޮތް އިންތިހާބު ކާމިޔާކޮށްފައި ވަނީ އޯލަފް ނިސްބަތްވާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީންނެވެ.

ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ސަރުކާރެއް އުފައްދާފައި ވަނީ ކޯލިޝަން ހަދައިގެންނެވެ. ކޯލިޝަންގައި ހިމެނެނީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ފްރީ ޑިމޮކްރެޓްސް އަދި ގްރީންސް އެވެ.

ޖަރުމަނުގައި އުފައްދާ އާސަރުކާރުން އޯލަފްގެ ޕާޓީއަށް ހަ ވަޒީރެއްގެ ގޮނޑި ލިބިވަޑައި ގަންނަވާނެ އެވެ. އޭތެ ތެރޭގައި ދިފާއި ވަޒީރާއި އިންޓީރިއާ ވަޒީރު، ލޭބާ އަދި ހެލްތު މިނިސްޓްރީ ހިމެނެ އެވެ.

ގްރީންސްއަށް ލިބިފައި ވަނީ ފަސް މިނިސްޓްރީ އެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް އެންޑް ކްލައިމެޓް ޕްރޮޓެކްޝަން މިނިސްޓްރީ، ތިމާވެއްޓާ ބެހޭ މިނިސްޓްީ އަދި އާއިލާއާ ބެހޭ ވުޒާރާ ހިމެނެ އެވެ.

ފްރީ ޑިމޮކްރެޓް ޕާޓީއަށް ލިބިފައި ވަނީ ފައިނޭންސް މިނިސްޓްރީ އާއި ޖަސްޓިސް، އެޑިޔުކޭޝަން އަދި ޓްރާންޕޯޓް އެވެ.

ޖަރުމަނުގައި އާސަރުކާރެއް އެކުލަވާލައި އިއުލާން ކުރުމުގެ ކުރިން ކޯލިޝަން ޕާޓީތަކުން ރުހުން އޮތްތޯ ބަލާނެ އެވެ. ސަރުކާރެއް އުފެއްދޭ ވަރަށް ތަރުހީބު ލިބިއްޖެ ނަމަ ޑިސެމްބަރު ކުރީކޮޅު މަގާމުތަކާ ހަވާލުވެ ވަޑައިގެން ޗާންސެލަރާއި ވަޒީރުން ހުވައިކުރުން އޮންނާނެ އެވެ.

ޗާންސެލަރު ހޮވަން ބޭއްވި އިންތިހާބުފައި ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައިވަނީ 25.7 ޕަސެންޓް ވޯޓެވެ. އެންޖެލާ މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން އިސްވެ ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓް ލިބިފައެއް ނުވެ އެވެ.

ޖަރުމަނުގައި އާސަރުކާރު އެކުލަވާލައި އާ ޗާންސެލަރު މަގާމާ ހަވާލުވެ ވަޑައިގަތުމުން ޖަރުމަނުގެ ޗާންސެލަރު ކަމުގައި މިވަގުތު ހުންނެވި އެންޖެލާ މާކެލް މަގާމު ދޫކޮށްލައްވާނެ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ބޭނުންފުޅުވެ ވަޑައިގަންނަވަނީ ސިޔާސީ ދާއިރާ ދޫކުރައްވައި އާއިލާއާ އަދި ގާތް މީހުންނާއެކު ދުވަސްތައް ހޭދަކުރައްވާށެވެ.