އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ޑިމޮކްރަސީ ސަމިޓަށް ތައްޔާރު ވަނީ އެވެެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ލިސްޓް އާންމު ކޮށްފި އެވެ. ޗައިނާއާ ރަޝިއާ އުނިކޮށް 110 ގައުމަަކަށް ދައުވަތު ދިންއިރު ލިސްޓްގައި ޓައިވާން ވެސް އޮތީ ހިމަނާފަ އެވެ.
ޓައިވާންގައި އަމިއްލައަށް ކަންކަން ނިންމާ ސަރުކާރެއް އޮތް ނަމަވެސް އެއީ ވަކި ދައުލަތެއް ނޫނެވެ. ޗައިނާއިން ތާއަބަދު ބުނަމުން ގެންދަނީ ޓައިވާނަކީ ޗައިނާގެ ޕްރޮވިންސެއް ކަމަށާއި ކޮންމެވެސް ދުވަހަކުން މައި ސަރުކާރުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށެވެ.
ބައިޑަން ވިދާޅުވި ގޮތުން ޓައިވާނަކީ މިނިވަން ދައުލަތެއް ގޮތުގައި އެމެރިކާ ވެސް ބަލައެއް ނުގަނެ އެވެ. އެހެން ނަމަވެސް ޓައިވާންގައި އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ހުންނަން ޖެހެ އެވެ. އަދި އެމެރިކާއިން އެކަމަށް މަދަދުވެރި ވާނެ އެވެ.
ޑިމޮކްރަސީ ސަމިޓަށް ޗައިނާ އުނިކޮށް ޓައިވާނަށް ދައުވަތު ދިނުމުން އަނގަ ބަހުން ވިދާޅު ނުވި ނަމަވެސް ޓައިވާނަށް ދައުލަތެއްގެ ޝަރަފު ދެއްވަން ބައިޑަން ބޭނުންފުޅު ވަނީ އެވެ.
ބައިނޑަންގެ ޑިމޮކްރަސީ ސަމިޓަށް މުޅިންހެން ދައުވަތު ދީފައި ވަނީ އެމެރިކާ ބުނާހާ ބަތަކަށް ރިހައަޅާނެކަން ކަށަވަރު ގައުމުތަކަށެވެ.
ޑިމޮކްރަސީ ސަމިޓުގައި ރަޝިއާ ހިމަނާފައެއް ނުވެ އެވެ. މެދުއިރުމަތީ ގިނަ ގައުމުތައް ބާކީކޮށްފައި ވާޢިރު އިޒްރޭލަށް ވަނީ ދައުވަތު ދީފަ އެވެ.
ޑިމޮކްރަސީ ސަމިޓް އޮންނާނީ ޑިސެމްބަރު 9-10 އަށެވެ. ރިޔާސަތު ބަލަހައްޓަވާނީ ބައިޑަން އެވެ.
ޑިމޮކްރަސީ ކުރިއެރުވުމަކީ ބައިޑަންގެ ރިޔާސީ ވައުދެކެވެ. ބައިޑަން ވިދާޅުވި ގޮތުގައި ގިނަ ދުވަހު ވެރިކަމުގައި ތިބުމަށް އެދޭ ވެރިންނަށް ފުރުސަތެއް ނުދެއްވާނެ އެވެ.