ބައެއް މީހުންނަށް ފަތިހު ހޭލުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އަނެއް ބަޔަކަށް އެއަށް ވުރެ އުނދަގޫ ކަމެއް ނޯވެ އެވެ. ޚާއްސަކޮށް ފިނި މޫސުމުގައި ހެނދުނު ހެނދުނާ ތެދުވަން ގިނަ މީހުން ބޭނުމެއް ނުވާނެ އެވެ. ކިޔަވާ ކުދިންނާއި އޮފީސްތަކަށް ދާ މީހުންނަށް ހެނދުނު ހޭލަން މަޖްބޫރުވާތީ އެލާމް ލައިގެން ނިދަ އެވެ. އަދި އެތައް ފަހަރަކު އެލާމް ވާއިރުވެސް ތެދުވަން ދަތިވެގެން ބައެއް މީހުން ވަރަށް އުނދަގުލުގައި އުޅެ އެވެ.
އިންގްލެންޑްގެ ލަސްޓަޝާގެ ލޮފްބޮރޯ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރަކު ދާދިފަހުން އެއް ދުވަހަކު ވަނީ އޭނާގެ ގޮދަޑިއާއި ޑުވޭ ހިފައިގެން ޔުނިވަސިޓީގެ ކްލާސްރޫމަށް ގޮއްސަ އެވެ. އެއީ ހެނދުނު 9.00 ގައި އޮތް ލެކްޗަރެއްގައި ކޮންމެހެން ބައިވެރިވާން ޖެހިގެންނެވެ.
އެ ކުއްޖާ ޑްރެސިން ގައުން އެއް ލައިގެން ސުޕަމާކެޓް ޓްރޮލީއަކަށް ގޮދަޑި އާއި ޑުވޭ ލައިގެން އެ ޓްރޮލީ ދަމާފައި ޔުނިވަސިޓީ ތެރެއަށް ވަދެގެން ދާ މަންޒަރުގެ ވީޑިއޯ ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
އޭނާ ޔުނިވަސިޓީ އަށް ވަދެގެން ދިޔައިރު ބައެއް ކުދިން އޭނާއާ ދިމާލަށް ބަލަން ތިބެ އެވެ. އެ ކުއްޖާ ދިޔަ ގޮތަކަށް ގޮސް ކްލާހަށް ވަދެ ރަނގަޅަށް ގޮދަޑި ފަތުރައިގެން އޮށޯވެ އޮއްވާ ވެސް މި ވީޑިއޯގައި ފެނެ އެވެ.
މި ވިޑިއޯ ޝެއާކުރި މަގްދާ ކިޔާ މިހަކު ބުނެފައިވަނީ ނިދާލަން އެނދުގައި އޮންނަން ބޭނުންވިޔަސް ހެނދުނު 9.00އަށް ކޮންމެހެން ތަނަކަށް ދާން ޖެހިއްޖެނަމަ ވާނީ މިހެން ކަމަށެވެ.