ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ މައޫލޫމާތު އެމަނިކުފާުނުގެ ހުއްދައެއް ނެތި ސަރުކާރުން އާމުކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އަދި ހުއްދައެއް ނެތި އެ މައުލޫމާތު އާމު ނުކުރުމަށް ރައީސް ނަޝީދުގެ އޮފީހުން ސަރުކާރަށް ގޮވާލައިފި އެވެ.
އެމްޑީޕީ އިން މިހެން ގޮވާލައިފާ ވަނީ ރައީސް ނަޝީދު ކުރައްވަން ޖެހެނީ "އެލް 4-5 މައިކްރޯ ޑިސެކްޓަމީ" އޮޕަރޭޝަނެއް ކަމަށް ބުނެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ހަމަ އެ ޓްވީޓްގައި އެ އޮޕަރޭޝަން ރާއްޖޭގައި ވެސް ކުރެވޭނެ ކަމަށް ބުނެ ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެ ކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ އާލާސްކަންފުޅާއި ގުޅޭގޮތުން ޑޮކްޓަރުން ނަޝީދަށް ދެއްވާ ލަފަޔާއި އެ ބައްޔާ ގުޅޭ އެކި މައުލޫމާތު ސަރުކާރުގެ ފަރާތުން އުމަރު ނަސީރު އާންމު ކުރަމުން ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެ ބައްޔާ ގުޅޭ މައުލޫމާތަކީ އެމަނިކުފާނުގެ އަމިއްލަ ޒާތީކަމެއް ކަމަށް ފާހަގަ ކުރަމުން އެ އޮފީހުން ބުނީ، އެކަމުގެ މައުލޫމާތު ހާމަކުރެވެންވާނީ ނަޝީދު ބޭނުންވާ ފަރާތަކުން ބޭނުންފުޅުވެވަޑައިގަންނަވާ މިންވަރަކަށް ކަމަށެވެ.
"ނަޝީދުގެ ބައްޔާ ގުޅޭ މެޑިކަލް ލިޔެކިޔުންތައް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ހަވާލުކުރުމަށް އެދުނީ ހުދު ރައީސް ނަޝީދު. ނަމަވެސް އެ ލިޔެކިޔުންތައް ވަކީލުންނާ ހަވާލުނުކޮށް އެލިޔެކިޔުމުގައި ހުރި މައުލޫމާތު ސޯޝަލް މީޑިޔާގައި އުމަރު އާންމު ކުރައްވަމުން ގެންދަވާ ކަމަކީ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ އަމަލެކަމަށް ދެކެން،" ބަޔާނުގައިވެ އެވެ. "ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، އަނެކުންނާ ކުރާ ޒާތީ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރައީސް މުޙަންމަދު ނަޝީދާއި އެމަނިކުފާގެ ސިއްޙީ ޑޮކްޓަރާ ދެމެދު ކުރެވޭ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ މުޢަސަލާތުތަކެކެވެ،"
ނަޝީދުގެ އަމިއްލަފުޅު ޒާތީ ދިރިއުޅުމާއި، ޒާތީ މުއާސަލާތުތަކާ ގުޅޭ މައުލޫމާތު ހުއްދަ ނެތި އާމު ނުކުރަމަށް ސަރުކާރަށް އިލްތިމާސް ދަންނަވާކަމަށް ބަޔާނުގައިވެ އެވެ.
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައިވާ ރައީސް ނަޝީދުގެ ބުރަކަށްޓަށް ލިބިފައިވާ ގެއްލުމަކާ ގުޅިގެން މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ނަޝީދުގެ އާއިލާއިން އިން ވަނީ ހޯމް މިނިސްޓްރީ އަށް އެދިފަ އެވެ. އަދި އެކަމާއި ގުޅިގެން ރޭ އުމަރު ޓްވީޓުގައި ބުނެފައި ވަނީ އެ އޮޕަރޭޝަނަކީ ރާއްޖޭގައި ކުރެވޭނެ އޮޕަރޭޝަނެއް ކަމަށާއި ނަމަވެސް އެކަމުގައި އަދި ދެވަނަ ޑޮކްޓަރެއްގެ ލަފާ ކަރެކްޝަންސް އިން ހޯދާނެ ކަމަށެވެ.