މިނިސްޓްރީ އޮފް ހެލްތު

މި މަހު އިތުރު 20 އެމްބިއުލާންސް ގެންނަނީ

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް އިތުރު 20 އެމްބިއުލާންސް މި މަސް ތެރޭގައި ރާއްޖެ ގެެންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށްފައިވާ ކަމަށާއި އަދި އެ ރަށްރަށަށް އެމްބިއުލާންސް ފޯރު ކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށެވެ

އެގޮތުން ހެލްތު މިނިސްޓްރީން އެސްޓީއޯއާއެކު މިދިޔަ ޖޫން މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ އިރު ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.

އޭގެ ތެެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފަ އެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް މި މަހު ގެނެވޭނެ ކަމަށް ހެލްތު މިނިސްޓްރީ ބުނެއެވެ.

އެމްބިއުލާންސް ފޮނުވަން ނިންމި ހުރިހާ ރަށްތަކެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ނަަމަވެސް އޭގެ ތެރޭގައި ނ. ފޮއްދޫ ހިމެނޭކަން ވަނީ އެނގިފަ އެެވެ.

ސަރުކާރުން މިހާރު ދަނީ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެގޮތް ހަދަން ތައްޔާރުވަމުންނެވެ.

ބައެއް ރަށް ރަށުގައި އެމްބިއުލާންސް ނެތިގެން ބަރޯއަށް ލައިގެން ވެސް މީހުން އުފަލަމުން ދެއެވެ. އަދި އެފަދަ މަންޒަރުތައް ވައިރަލްވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ.