އަބްދުއްރަހީމް އަބްދުﷲ

ސަރުކާރު ކުރިމަތީ ޔާމީން ކުޑަކަކޫ ނުޖައްސަވާނެ: އަދުރޭ

Nov 25, 2021
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދުވާލަކު ދައުވާއެއް ކުރި ނަމަވެސް މިސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްޔެ އާ ދައުވާއެއް އުފުލުމާ ގުޅިގެން މިއަދުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށްވެސް އަބްދުއްރަހީމް ސިފަކުރައްވާފައިވެ އެވެ.

އަބްދުއްރަހީމްގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީނަށް އޮތް ލޯތްބާއި ތާއީދަށް އެއްވެސް ހީނަރުކަމެއް ވެސް ނާންނާނެ ކަމަށެވެ.

"އަދި ކިއެއްތަ؟ ތާއީދާއި ލޯތްބާއި އިތުބާރު ދާނީ އިތުރުވަމުން #ރައީސްޔާމީންމިނިވަންކުރޭ،" އަބްދުއްރަހީމް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އިއްޔެ އުފުލީ ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެމައްސަލައިގައި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެކުރިން މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުގެ ކުށުގަ އެވެ. އެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި މިމަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.