ހަބަރު

ކަޅުއޮށްފުންމި ބަންނަން ކެނޑި ކޮންމެ ރުކަކަށް ދެ ރުއް އިންދައިފި

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލާ ގުޅިގެން ނަމޫނާ "ކަޅުއޮއްފުންމި" ބަނުމަށް، ހދ ނޭކުރެންދޫ އިން ކެނޑި ކޮންމެ ރުކަކަށް ދެ ރުއް އިންދުމުގެ ޕްރޮގްރާމެއް އެރަށުގައި ބާއްވައިފި އެވެ.

"އަވަސް" އަށް މައުލުމާތު ދެއްވަމުން ނޭކުރަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން ވިދާޅުވީ ނަމޫނާ ކަޅުއޮށްފުންމި ބަނުމަށް 120 ރުށް އެ ރަށުން ކަނޑާފައިވާ ކަމަށެވެ. މިދިޔަ ހަފްތާ ބޭއްވި ޕްރޮގްރާމްގެ ދަށުން 240 އަށް ވުރެ ގިނަ ރުށް އިންދާފައިވާ ކަމަށް ސިޒާން ވިދާޅުވި އެވެ. އަދި ކަޅުއޮއްފުންމި ބަނުމަށް ކޮންމެވެސް ވަރަކަށް އެ ރަށުން ގަސްވެސް ކަނޑާފައިވާ ކަމަށް ސިޒާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ބާއްވާނެ އެވެ.

އެ ޕްރޮގްރާމްތައް ހިންގަނީ ހޯމް މިނިސްޓްރީ އާއީ ކައުންސިލް ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަޅުއޮށްފުންމި ބަނުމަށް ގިނަ ރުއްތަކެއް ކަނޑާފައިވާތީ ރަށު ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ވާނީ ކެނޑި ކޮންމެ ރުކަކަށް ދެ ރުއް އިންދާފައި. މީގެ އިތުރުން ބައެއް ގަސް ތައްވެސް ކަނޑާފައިވާތީ ކުރިޔަށް އޮތްތާގައި އޭގެ ބަދަލުގައި ގަސް އިންދުމަށް ވެސް އަޅުގަނޑުމެން ވާނީ ނިންމައިފަ،" ސިޒާން ވިދާޅުވި އެވެ.

ކުރިން ރޭވިފައި ވަނީ ގައުމީ ދުވަހަށް ކަޅުއޮށްފުންމި ހއ އުތީމަށް ގެންދިއުމަށެވެ. އޭގެ ކުރިން މިހާރު ކަޅުއޮއްފުންމި ވަނީ، ކުޅުދުށްފުއްޓަށް ގެންގޮސްފަ އެވެ. އެއަށް ފަހު ގައުމީ ދުވަހަށް އުތީމަށް ކަޅުއޮއްފުންމި ގެންނާނެ އެވެ. އެއަށް ފަހު އާއްމުންނަށް ދައްކާލަން ކަޅުއޮއްފުންމ ދާރުލްއާސާރުގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.