އެޓާނީ ޖެނެރަލް

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަށް ޖަވާބުދީފި

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ދިވެހި ސަރުކާރުން ޖަވާބުދާރީވެެއްޖެ އެވެ.

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ. އޮގަސްޓު، 23 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލައިގައި އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު ޖެނުއަރީ، 28 2021 ގައި ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތްކަމަށް އިނގިރޭސި ވިލާތުން ބުނަމުން ގެންދިޔަނަމަވެސް، ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށެވެ.

ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން މޭ، 25 2021 ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދިވެހިރާއްޖެއިން މިއަދު ޖަވާބު ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ އަޑުއެހުން ބާއްވާނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުއެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވި، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް ދިފާޢުކޮށް ދިވެހިރާއްޖެ ތަމްޞީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ ޢައްޔަނުކުރެވިފައެވެ.

މި މައްސަލަ މަޢުޟޫޢީ ގޮތުން ބަލައި، މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ. ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެންނެވެ. އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުމެވެ.