ނައިފަރު

ނައިފަރު ޒުވާނަކު 78 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އެއް މައްސަލައަކާއި ގުޅުން ހުރި ތަފާތު ހަތަރު ދައުވާ އުފުލާފައިވާ ޅ. ނައިފަރަށް ނިސްބަތްވާ ޒުވާނަކު 78 އަހަރަށް ޖަލަށްލާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އުމުރުން 26 އަހަރުގެ މުންތަސަރު ޔޫސުފް، 78 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތިން ދައުވާއަކާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ކުށް ސާބިތުވެގެންނެވެ. މި މައްސަލަތައް ސާބިތުވީ އޭނާގެ އަމިއްލަ އިއުތިރާފުންނެވެ.

ޅ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާ ބެއްލެވި މި މައްސަލަތަކުގެ ތެރެއިން ކެނެބިސް ބޭނުންކުރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ ދެ އަހަރާއި 8 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަލުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އުމުރު ދުވަހުގެ ތިން ޖަލު ހުކުމް ވަނީ އޭނާގެ މައްޗަށް އިއްވާފައެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރުގެ މުއްދަތެވެ. އެހެން ކަމުުން ތިން ދައުވާ ސާބިތުވެ ޖުމްލަ 75 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މީގެ އިތުރުން ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަލުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމާ 300،000 ރުފިޔާއިން އޭނާ ޖޫރިމަނާވެސް ކޮށްފައިވެއެވެ. އެއީ ކޮންމެ ކުށަކާއި ގުޅިގެން 100،000 ރުފިޔާއިންނެވެ.

ހުކުމްގައި ބުނެފައިވަނީ އެ ފައިސާ ނޮވެންބަރު 25، 2021 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަަށެވެ.

މުންތަސަރު ޔޫސުފް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އިބްތިދާއީ އަޑުއެހުމުގަ އާއި އަވަސްނިޔާއިން ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައިވެސް އަދި އިބްތިދާއީ އަޑުއެހުމުގައިވެސް ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އޭނާ އެކަން ކުރި ގޮތް ޝަރީއަތުގެ މަޖިލީހަށް ވަރަށް ސާފުކޮށް ކިޔައިދީފައެވެ.