ދީން

ހުކުރަށް ދިޔުމަށް ހިނައިގަތުން

ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން ޚާއްޞަ ދުވަހެކެވެ. އެދުވަހަކީ އާދަމްގެފާނު ޚަލްޤު ކުރެއްވުނު ދުވަހެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީވެސް އަދި ސުވަރުގެއިން ބޭރުކުރެއްވުނީވެސް ހުކުރު ދުވަހެއްގައެވެ. އަދި ޤިޔާމަތްވާނީވެސް ހުކުރު ދުވަހެއްގައެވެ.

ހުކުރު ދުވަހުގެ މާތްކަމުގެ ތެރެއިން ހިމެނޭ އަނެއް ކަމަކީ އެއީ މުސްލިމުންނަށް ޚާއްޞަކޮށްދެއްވާފައިވާ ދުވަހެއްކަމުގައި ވުމާއި، އެދުވަހު ހުކުރު ނަމާދު ލައްވާފައިވުމެވެ. ހުކުރު ނަމާދަށް ގޮވާލެއްވިއްޖެނަމަ ވިޔަފާރިކުރުން ޙަރާމްވެގެންވެއެވެ. އަދި ދުނިޔެވީ އެންމެހައި ކަމަކުން އެއްކިބާވެ އެނަމާދަށް ދިޔުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ. އެއިލާހުވަޙީ ކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنتُمْ تَعْلَمُونَ ﴾ (الجمعة 9) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ."

ހުކުރު ދުވަހާ ގުޅިފައިވާ ދީނީ ޙުކުމްތަކުގެ ތެރޭގައި ހުކުރު ނަމާދުގެ ޖަމާޢަތަށް ދިޔުމަށްޓަކައި ހިނައިގަތުން ޝަރުޢު ކުރައްވާފައިވުން ހިމެނެއެވެ. ހުކުރަށް ދިޔުމަށް ހިނައިގަތުމަކީ ބައެއް ބޭކަލުން ދެކެލައްވާ ގޮތުގައި ވާޖިބެކެވެ. އެބޭކަލުން މިފަދައިން ދެކެލައްވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބައެއް ބަސްފުޅުތަކުން އެފަދައިން ދޭހަވާތީއެވެ.

ޢަބްދު ﷲ ބުނު ޢުމަރު رضيه الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «إِذَا جَاءَ أَحَدُكُمُ الجُمُعَةَ، فَلْيَغْتَسِلْ» رواه البخاري މާނައީ: "ތިޔައިން މީހަކު ހުކުރު ނަމާދަށް ޙާޟިރުވަނީނަމަ، ހިނައިގަންނެގެން އަންނަހުށިކަމެވެ."

އަދިވެސް އަލްބުޚާރީއާއި މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައިވެއެވެ. "ހުކުރު ދުވަހު ހިނައިގަތުމަކީ ބާލިޣުވެފައިވާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެކެވެ."

އިސްވެ މިބަޔާންކުރެވުނު ޙަދީޘްތަކާއި ބެހޭގޮތުން އިބްނު ދަޤީޤުލްޢީދު رحمه الله ވިދާޅުވެފައިވެއެވެ. "ގިނަ ބޭކަލުން ދެކެލައްވާ ގޮތުގައި ހުކުރު ދުވަހު ހިނައިގަތުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެބޭކަލުން ދެކެލައްވާ ގޮތުގައި އިސްވެ ބަޔާން ކުރެވުނު ޙަދީޘްތަކުގައި ހިނައިގަތުމަށް އަމުރު ކުރައްވާފައިވަނީ އެކަމަށް ބާރު އެޅުއްވުމުގެ ގޮތުންނެވެ. އަދި އެ ޙަދީޘްގައިވާ "އަމުރު"ގެ ބަސްފުޅުގެ މުރާދަކީ ސުންނަތްކަން ގަދަވެގެންވުމެވެ."

ނަމަވެސް އިބްނު ދަޤީޤުލްޢީދު رحمه الله ގެ މި ބަސްފުޅަށްވުރެ ބޮޑަށް، ހުކުރު ދުވަހުގެ ހިނައިގަތުމަކީ ސުންނަތެއް ކަމުގައި ކަނޑައެޅުމުގައި ގިނަ ބޭކަލުން ގެންނަވާ ދަލީލަކީ ކީރިތި ރަސޫލާ صلى الله عليه وسلم މި ބަސްފުޅެވެ. «مَنْ تَوَضَّأَ يَوْمَ الجُمُعَةِ فَبِهَا وَنِعْمَتْ، وَمَنْ اغْتَسَلَ فَالغُسْلُ أَفْضَلُ» رواه الترمذي މާނައީ: "ހުކުރު ދުވަހު ހުކުރު ނަމާދަށް ދިޔުމަށްޓަކައި ވުޟޫ ކޮށްފިމީހާއަށް އެކަން ފުދިގެންވެއެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތެކެވެ. އަދި ހިނގައިގެންފި މީހާ ދަންނާށެވެ! ހިނައިގަތުން މޮޅުއިތުރުވެގެންވެއެވެ."

ހުކުރު ނަމާދަށް ދިޔުމަށްޓަކައި ހިނައިގަތުމަކީ ސުންނަތެއް ކަމުގައި ދެކެލައްވާ ބޭކަލުންގެ ތެރޭގައި ހަތަރު މަޒުހަބުގެ އިމާމުން ހިމެނެއެވެ. ހުކުރު ނަމާދަށް ދިޔުމަށް ހިނައިގަތުމަށް ބާރުއަޅުއްވާފައިވާ ކަމަށްޓަކައި އެ ސުންނަތް ފުރިހަމަ ކުރުމަކީ އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ.
ހުކުރު ނަމާދަށް ދިޔުމަށް ހިނައިގަންތުމެކޭ، ޖުނުބުވެރިކަމުން، ނުވަތަ އަންހެނާ ޙައިޟު ނިފާސްވެރިކަމުން ޠާހިރުވުމަށް ހިނައިގަތުމެކޭ އެއްވެސް ތަފާތެއް ނެތެވެ. ހިނައިގަތުމުގެ ނިޔަތުގައި، މުޅި ހަށިގަނޑުގައި ފެން ޖައްސައި، މިލައުނގުޅައި ހަށިގަނޑު ދޮވެލުން އެއީ ހިނައިގަތުމުގެ މަދު މިންވަރެވެ. އެވެރުން ހިނައިގަތުން ފުދިގެންވެއެވެ.

ނަމަވެސް ސުންނަތާ އެއްގޮތަށް ފުރިހަމައަށް ހިނައިގަންނަން އެދޭނަމަ، ހިނައިގަތުމަށް ނިޔަތްގަނެ، އެންމެ ފުރަތަމަ ދެއަތްތިލަ ދޮވެލާނީއެވެ. އެއަށްފަހު، ޖިންސީ ގުނަވަން ދޮވެ ނަޖިހެއްވާނަމަ އެނަޖިސް ރަނގަޅަށް ފިލުވައިލާނީއެވެ. އެއަށްފަހު، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫ ކުރާނީއެވެ. ދެން މުޅި ހަށިގަނޑަށް ފެން އަޅައި ހަށިގަނޑު ދޮވެލާނީއެވެ. މިގޮތަށް ފެން އެޅުމުގައި ބޮލަށް ފެންއަޅައި އިސްތަށިތަކުގެ ބުޑުގައި ރަނގަޅަށް ފެންޖައްސަންވާނެއެވެ. އަދި ގަޔަށް ފެން އެޅުމުގައި ކަނާތް އިސްކުރުމާއި، ހަށިގަނޑުގައި މިލަ ޖަމާވާ ދަތި ދޭތެރެތައް ރަނގަޅަށް ދޮވެ ސާފުކޮށްލަންވާނެއެވެ. ހަށިގަނދު ދޮވެ، ފެން އަޅާ ނިމިގެން ވުޟޫކޮށްލިނަމަވެސް އެންމެ ރަނގަޅެވެ.

ހުކުރު ނަމާދަކީ މުސްލިމު ފިރިހެނުންގެ ތެރެއިން ދަތުރުވެރިން ނޫން މީހުންނަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ހުކުރު ނަމާދަށް ދިޔުމުގައި ސުންނަތުން ސާބިތުވާ އެންމެ މޮޅުއިތުރު ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ސަމާލުވާށެވެ. އަދި ދަންނާށެވެ! ހުކުރު ނަމާދު ކުރުމަކީ އެއް ހުކުރު ނަމާދުން އަނެއް ހުކުރު ނަމާދާ ދެމެދުގައި ކުރެވިފައި ހުންނަ ކުދި ފާފަތައް ފުއްސަވައިދެއްވާކަމެކެވެ. ފާފަތަކުގެ ކައްފާރާއެކެވެ.