ލައިފްސްޓައިލް

19 ވަނަ ބުރިން ވެއްޓުނު މީހަކު އާދަޔާޚިލާފު ގޮތަކަށް ސަލާމަތްވެއްޖެ

ޗައިނާގެ 82 އަހަރުގެ އަންހެނަކު އޭނާ ދިރިއުޅޭ ބިލްޑިންގެ 19 ވަނަ ބުރިން ވެއްޓި ވަރަށް އާދަޔާޚިލާފު ގޮތަކަށް ސަލާމަތްވެއްޖެ އެވެ. މި އަންހެންމީހާ އެކޮޅުކޮޅުން ވެއްޓެން ދިޔައިރު އޭނާގެ ފައި ތިރީ ބުރިއެއްގައި ހުރި އެއްޗެހި ހިއްކަން އަޅާ ހޮޅިއެއްގައި އަޅައިގަނެ ތާށިވީ އެވެ. އޭނާ ނުވެއްޓި އޮތީ އެ ހޮޅީގައި ފައި ތާށިވީމަ އެވެ.

އަންހެންމީހާ ވެއްޓުނީ އޭނާގެ އެޕާޓްމަންޓުގެ ބޭރުގައި އެއްޗެތި ހިއްކަން އަޅަން މަސައްކަތް ކުރަނިކޮށް ދިމާވި އެކްސިޑެންޓަކުންނެވެ.

އަންހެންމީހާ އެކޮޅުކޮޅުން އެލިފައި އޮއްވާ ނަގާފައިވާ ފޮޓޯތަކާއި ވީޑީއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފޮޓޯތަކުން ފެންނަނީ އަންހެންމީހާގެ ފައި ދަގަނޑެއްގައި ތާށިވެފައި އޭނާ އެކޮޅުކޮޅުން އެލިފައި އޮއްވަ އެވެ.

ވަގުތުން ފަޔާފައިޓަރުން އައިސް އަންހެންމީހާ ވަނީ އެތަނުން ސަލާމަތްކޮށްފަ އެވެ. އަންހެންމީހާ ސަލާމަތް ކުރުމުގެ ގޮތުން ފަޔާ ފައިޓަރުން ފުރަތަމަ 18 ވަނަ ބުރިޔަށް އަރާ އޭނާގެ ގައިގައި ހިފެހެއްޓި އެވެ. އަދި 17 ވަނަ ބުރިއަށް ގޮސް އޭނާގެ ގައިގައި ވާ ބައްދައި ތިރިކުރީ އެވެ.

އަންހެންމީހާ ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު މީހުން ބުނި ގޮތުގައި އެހާ ގިނައިރު އެކޮޅުކޮޅުން އެލިފައި އޮތުމުން އަންހެންމީހާ ވަރަށް ބޮޑަށް ވަރުބަލި ވެފައި އޮތަސް ސިއްހަތަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށެވެ.

އަންހެންމީހާގެ ފައި 17 ވަނަ ބުރީގައި ހަރުކޮށްފައި ހުރި އެއްޗެތި ހިއްކަން އަޅާ ހޮޅީގައި ތާށި ނުވިނަމަވެސް އެމީހާ ބޯކޮޅު ވަތަށް ބިންމައްޗަށް ވެއްޓި ފުރާނަ ސަލާމަތް ނުވީސްކަމަށް އޭނާގެ އަވަށްޓެރިންނާއި އާއިލާގެ މީހުން ގަބޫލުކުރެ އެވެ. އަދި ފަޔާފައިޓަރުންނަށް ގުޅުމުން އެމީހުން އައިލެއް އަވަސް ކަމާއި އަންހެންމީހާ ސަލާމަތްކުރަން މަސައްކަތްކުރިލެއް ބަރާބާރުކަމުން އެންމެންގެ ޝުކުރު އެމީހުންނަށް ރައްދުކުރި އެވެ.